ރާއްޖެ އާއި ޗައިނާ އާއި ދެމެދުގައި ގާއިމު ކުރި ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) އެއްބަސްވުމުގައި ރާއްޖެ އިން ނުބާނާ ހުރިހާ ބާވަތެއްގެ މަހަކަށް ޑިއުޓީ ގޮތުގައި ކަނޑައަޅާފައި ވަނީ ސުން ޕަސަންޓު ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އޮޕަރޭޝަންގައި ނެތް އެފްޓީއޭގައި ކުރީގެ ސަރުކާރުން ސޮއިކުރީ ރަނގަޅަށް ނުބަލާ ކަމަށެވެ. އެއްބަސްވެފައިވާ މަސްވެރިކަމުގެ ބާވަތްތަކުގެ ޑިއުޓީގެ ތެރޭގައި ދިރޭ މަހަށް 17.5 އިންސައްތަ، އެހެން ދިރޭ މަސްތަކަށް 17.5 އިންސައްތަ ނަގަން ހިމަނާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެކަމަކު، ރާއްޖެ އިން ނުލިބޭ މަހެއް ނަމަ، "ސުން ޕަސަންޓް" ޑިއުޓީ ނަގަން އެއްބަސްވެފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ރާއްޖެ އިން ނުބާނާ ހުރިހާ ބާވަތެއްގެ މަހަކަށް ސުން ޕަސަންޓު އެބަހުރި،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރާއްޖެ އިން ލިބޭ ބާވަތެއްގެ މަހެއް ނަމަ، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ޑިއުޓީއާ ދާދި އެއްވަރެއްގައި ހުރި ކަމަށެވެ.
ނަޝީދުގެ އެ ވާހަކަތަކާ ގުޅިގެން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ އެފްޓީއޭގެ ސަބަބުން 296 އައިޓަމް ސުން ޕަސަންޓުގައި އެކްސްޕޯޓް ކުރެވޭނެއެވެ. އަދި ނަޝީދު ހެއްދެވީ އިތުރުފުޅެއް ކަމަށް ސައީދު ވިދާޅުވި އެވެ.
އެ ވާހަކަ އަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވި ގޮތުގައި ސައީދު ދެއްކެވީ ހިތާމަ ހުރި ވާހަކައެކެވެ.
"އަޅުގަނޑު އަތުގައި މިއޮތީ އެގްރީމަންޓްގެ ސީދާ ކޮޕީ. އެއީ މިތަނުގައި ބާއްވާފައި އޮތް ކޮޕީ. މިތަނަށް ގެނެސްފައި އެގްރީމަންޓް ނިންމީ. މިތަނުން ވޯޓު ދީގެން މިކަން ކުރީ. މިތަނުގައި އޮތް ކޮޕީގައި ބައިވަރު އައިޓަމް އެބަހުރި. އަޅުގަނޑު ހިތުން ތިޔަބޭފުޅުން މި ބައްލަވާފައެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.
ރާއްޖެ އާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި އެ ގައުމުން ސޮއިކުރީ ރައީސް ޔާމީން ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި، ޑިސެމްބަރު 18، 2014 ގަ އެވެ. އެ އެއްބަސްވުމުން ކުރިއަށް ގެންދަން މަޖިލީހުން ފާސްކުރީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ އަޣުލަބިއްޔަތު އޮތް މަޖިލިހުން ނޮވެމްބަރު 29، 2017 ގައެވެ. އެއީ ވަރަށް އަވަސް އަރުވާލައިގެން ރައްޔިތުންގެ މަޖިލިހުން ފާސް ކުރި އެއްބަސްވުމެކެވެ.