ސަރަހައްދީ ފެންވަރުގެ ބައިނަލް އަގުވާމީ ދެ އެވޯޑެއް ސްޓެލްކޯއަށް ލިބިއްޖެ އެވެ.
ވޯލްޑް އެޗްއާރުޑީ ކޮންގްރެސްއާއި، އެމްޕްލޯޔަ ބްރޭންޑިން އިންސްޓިޓިއުޓް ގުޅިގެން ބޭއްވި 11 ވަނަ އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސް 2020 އިން މިކުންފުންޏަށް ލިބިފައިވަނީ "ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ" އެވޯޑެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީއިން "އިމާޖިންގ ލީޑަ އޮފް ދި ޔިއަ" ގެ އެވޯޑް ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއަށް ލިބިވަޑައިގެންފަ އެވެ.
ސްޓެލްކޯ އިން ބުނީ "ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ" ގެ އެވޯޑް އެ ކުންފުންޏަށް ލިބުނީ އެ ކުންފުނީގެ އެންމެ މުހިންމު އެއް ރައުސުލްމާލު ކަމުގައިވާ، ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމާއި، ހިތްހަމަޖެހުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ލަފަޔާއި އިރުޝާދާއެކު، އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން ކުންފުނި ހިންގުމުގައި ޒަމާނީ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ތައާރަފުކޮށް، ބޭނުން ކުރުމާއި، ކުންފުނީގެ ކުންފުނި ހިންގުމާއި އޯވާރޯލް ޕާފޯމެންސް އަދި ގަވަނެންސް ހަރުދަނާވުމުގެ އިތުރުން މިކުންފުނީގެ ގްރީންލައިފް އިނިޝިއޭޓިވް ނުވަތަ ތިމާވެއްޓާއި ރައްޓެހި ހަކަތައަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމާއި، ކޮވިޑް-19 އާއި ގުޅިގެން މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް މިކުންފުނިން އަޅާފައިވާ އަދި އަޅަމުންގެންދާ ނަމޫނާ ފިޔަވަޅުތައް މީގެ ތެރޭގައި ހިމެނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުންޏަކީ ރައްޔިތުންނާ ސީދާގުޅިފައިވާ ކުންފުންޏަކަށްވާއިރު، ކުންފުނީގެ ފަރާތުން އިޖުތިމާއީ ޒިންމާ އަދާކުރުމުގައި ގެންގުޅެފައިވާ ސިޔާސަތުތަކުގެ ހަރުދަނާކަން ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ. އެގޮތުން މިކުންފުނީގެ ވަޒީފާއަދާކުރުމުގެ ފުރުސަތުދީ، މުޖުތަމައުއަށާއި، މިކުންފުންޏަށް ބޭނުންތެރިބައެއްގެ ގޮތުގައި ހާއްސައެހީއަށް ބޭނުންވާ ބައެއް ފަރާތްތަކެއް ހެދުމާއި، ކުންފުނީގެ މުވައްޒަފުންގެ ދުޅަހެޔޮކަމަށް ތަފާތު ކުޅިވަރު ކުޅެވޭނެ އިންތިޒާމްތައް ހަމަޖައްސައި، ހަށިހެޔޮ ދުޅަހެޔޮ ބަޔަކަށް ހެދުމަށްޓަކައި ކަސްރަތު ކުރުމަށް ޖިމެއް ގާއިމް ކުރުން ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"މީގެ އިތުރުން ވެސް، ސިއްޙީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށްޓަކައި، އިންހައުސް ހެލްތު އިންޝުއަރޭންސް ސްކީމެއް ހަމަޖެއްސުމާއި، އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކާއި، ކުންފުނީގެ މުވައްޒަފުންނަކީ މަސައްކަތުގެ މާހައުލުގައި ތަޖުރިބާ ހުރި، އަދި ކުންފުނީގެ ވިޔަފާރީގެ ދައިރާއިން ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި އެއްވަރަށް އަދާހަމަ ބަޔަކަށް ހެދުމަށާއި، ކަސްޓަމަރުންނަށް ދޭން ބޭނުންވާ ހިދުމަތް އޭގެ އެންމެ ފުރިހަމަގޮތުގައި ދިނުމަށް، ތައުލީމާއި، ތަޖުރިބާ އިތުރުކުރުމަށް ތަފާތު އެކިއެކި ސްކޯލާޝިޕްތަކުގެ ފުރުސަތު ހުޅުވާލުން ވެސް ހިމެނޭ. އޭގެ ތެރޭގައި މިދާއިރާއިން އަންހެނުން ބިނާކޮށް ބާރުވެރި ކުރުވުމަށް އަންހެނުންނަށް ހާއްސަކޮށްގެން އިލެކްޓްރީޝަން ކޯސް ހިންގުންވެސް ހިމެނޭ،" ސްޓެލްކޯ އިން ބުންޏެވެ.
އެ ކުންފުނީގެ މުވައްޒަފުންގެ ގޮތުގައި ތިބެ ނިޔާވާފަރާތްތަކުގެ 18 އަހަރުން ދަށުގެ ކުދިންނަށް 18 އަހަރު ވަންދެން މާލީ އެހީތެރިކަން ފޯރުކޯށްދިނުމާއި، މާބަނޑު އަންހެނުންނަށް މެޓާނިޓީ ލީވްގެ ގޮތުގައި ހަ މަސްދުވަސް ހަމަޖެއްސުމުގެ އިތުރުން، ލީވް ނިމުމަށްފަހު އަލުން މަސައްކަތުގެ މާހައުލަށް ނިކުތުމުން ދެ ގަޑި އިރުގެ ބްރޭކެއް ހަމަޖައްސައިދިނުން ވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ހައްޖާއި، އުމްރާގެ ފުރުސަތާއި، ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުންފުނިން ކުރަމުންގެންދާ މަސައްކަތްތައް ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
"އިމާޖިން ލީޑަ އޮފް ދި ޔިއަ" ގެ އެވޯޑް މިކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއަށް ލިބިވަޑައިގެންފައި ވަނީ ކުންފުނީގެ މުވައްޒަފުންގެ ކަންކަން ފުރިހަމަކޮށް ގެންދިއުމުގެ އިތުރުން ކުންފުންޏާ މެދު ކަސްޓަމަރުންގެ މެދުގައި އޮންނަ އިތުބާރާއި ތަސައްވަރު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރައްވަމުންގެންދަވާ އަދި ކުރެއްވުމަށް ރާވަވާފައިވާ ކަންކަމުގެ މައްޗަށެވެ. އެގޮތުން ކަސްޓަމަރުންނަށް ލުއި ފަސޭހަގޮތްތަކެއް ހޯއްދަވައިދެއްވާ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ތައާރަފްކުރައްވަން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، ސްމާޓް މީޓަރިން ތައާރަފް ކުރުމާއި، ކަރަންޓު ކެނޑިއްޖެ ހާލަތެއްގައި އަވަސް މިނެއްގައި ކަރަންޓު ދިނުމަށްޓަކައި ޒަމާނީ ސްކާޑާ ސިސްޓަމެއް ގާއިމް ކުރުމާއި، ކަރަންޓުގެ ގައުމީ ވިއުގައެއް ގާއިމް ކުރުމަށް ހިންގާ އިންޓަކަނެކްޝަން ޕްރޮޖެކްޓް ހިމެނޭ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އެ ކުންފުނިން ބުނީ އޭގެ އިތުރުން ވެސް ކަސްޓަމަރުން ކަރަންޓަށް ކުރާ ހޭދަ ކުޑަ ކުރުމުގެ ގޮތުން ގްރީންލައިފް އިނިޝިއޭޓިވްގެ ނަމުގައި ޕްރޮގްރާމެއް ފަށައި، ކުޑަ އަގެއްގައި ސޯލާ ޕެނަލް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސެވުމާއި، ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީތައް ތައާރަފް ކުރުމާއި، ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް ގެންގުޅުއްވާ ސިޔާސަތުތައް ހިމެނޭ ކަމަށެވެ. މިއީ މި އެވޯޑް ދިވެހި ކުންފުންޏެއްގެ އިސްވެރިއަކަށް ލިބުނު ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެ އެވެ.
އޮންލައިންކޮށް ބޭއްވި މި އެވޯޑް ހަފްލާގައި އެވޯޑް ލިބިވަޑައިގަތުމުން މެނޭޖިން ޑިރެކްޓަރު މުޣުނީ ވަނީ 70 އަހަރުގެ ދިގު މާޒީއެއް އޮތް މިކުންފުންޏަށް މިފަދަ ޝަރަފުވެރި އެވޯޑެއް ލިބުމަކީ މިކުންފުންޏަކީ މަސައްކަތް ކުރުމަށް ޑްރީމް ކޮމްޕެނީއަކަށް ހެދުމަށް ކުރާ މަސައްކަތްތައް ވޯލްޑް އެޗްއާރުޑީ ކޮންގްރެސް ފަދަ ބަޔަކު ބަލައިގަތުން ކަމަށާއި، އެ ކަމަށްޓަކައި އުފާކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ސްޓެލްކޯއަކީ އެންމެ ރަނގަޅު ކުންފުންޏަށް ހެދުމަށްޓަކައި ސްޓެލްކޯގެ ކުރީގެ މުވައްޒަފުންނާއި މިހާރުގެ މުވައްޒަފުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
"މި ހިސާބަށް ވަޑައިގެންނެވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ފުރުސަތާއި ކުރައްވާ އިތުބާރަށްޓަކައި ރައީސަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށް މުޣުނީ ވަނީ ވިދާޅުވެފަ އެވެ. މިކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް "އެމާޖިން ލީޑަރު އޮފް ދި ޔިއަ" ލިބިވަޑައިގެންނެވި އިރު، މުޣުނީ ޑިގްރީ އާއި މާސްޓާސް ވެސް ހާސިލްކޮށްފައި ވަނީ އެމެރިކާއިން،" މުޣުނީ ވިދާޅުވި އެވެ.
ވޯލްޑް އެޗްއާރުޑީ ކޮންގްރެސްއަކީ ހިއުމަން ރިސޯސަސް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ކޮންގްރެސް އެވެ. މިކުންފުންޏާއި، ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް މި އެވޯޑްތައް ލިބިވަޑައިގެންފައިވާއިރު، މި އެވޯޑްތަކަށް އޭޝިއާ ސަރަހައްދުގެ 30 އަށްވުރެ ގިނަ ގައުމުގެ ކުންފުނިތަކުން ވަނީ ވާދަކޮށްފަ އެވެ.