ދިވެހި ސިނަމާގެ އުޅޭ އަންހެން ފަންނާނުންނަށް ބަލާއިރު، އާރިފާ އިބްރާހީމަކީ ދެގޮތެއް ނުވާ ބަތަލާއެކެވެ. މި ދާއިރާ އަށް ނުކުތީއްސުރެ އޭނާގެ މަސައްކަތަކަށް ހުއްޓުމެއް ނެތެވެ. އާރިފާއަކީ އެއް ދުވަސްވަރެއްގައި މުޅި ދިވެހި ސިނަމާގައި މަންމަގެ ރޯލް ވެސް ކޮންޓްރޯލް ކުރި ބަތަލާއެކެވެ. އޭނާ މިހާތަނަށް ވަރަށް ގިނަ އަދަދެއްގެ ފިލްމްތަކާއި ޑްރާމާތައް ކުޅެފި އެވެ.
އާރިފާއަކީ ވެސް ކެމެރާގެ ފުރަހުގައި ވެސް މަސައްކަތްތަކެއް ކޮށްފައިވާ ފަންނާނެކެވެ. އޭނާ ވަނީ ވަރަށް ކާމިޔާބު ޑްރާމާ ސިލްސިލާތަކާއި "ސާހިބާ" ގެ ނަމުގައި ފީޗާ ފިލްމެއް ވެސް ޑައިރެކްޓްކޮށްފަ އެވެ. އާރިފާ ޑައިރެކްޓްކުރި ޑްރާމާތަކުގެ ތެރެއިން ބެލުންތެރިންގެ މެދުގައި އެންމެ މަގުބޫލުވެގެން ދިޔައީ "ވައިރޯޅި އަށް ވެސް ސިއްރުން" އެވެ.
އެހެން ނަމަވެސް މިހާރު އާރިފާގެ ފިލްމީ ދާއިރާގައި އަޑެއް ނީވޭތާ އެތަކެއް ދުވަސްތަކެއް ވެއްޖެ އެވެ. މިކަމާ ގުޅޭ ގޮތުން "ހުރިހާ" އިން ސުވާލުކުރުމުން އާރިފް ބުނީ މިދުވަސް ވަރު ފިލްމީ ދާއިރާގެ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. މިހާރުގެ ހާލަތަށް ބަލާފައި ފިލްމީ ދާއިރާގައި މަސައްކަތް ކުރެވެން ނެތީ ކަމަށް ވެސް އޭނާ ބުންޏެވެ.
"މިދުވަސް ވަރު އެއްވެސް ކަމެއް ނުކުރަން. ހަމަ ގޭގައި ހުންނަނީ. މިހާރުގެ ހާލަތަށް ބަލާއިރު އެކަމެއް ކުރެވޭކަން ނެތެއް ނުން،" އާރިފާ ބުންޏެވެ.
ކޮވިޑާ ގުޅިގެން ފިލްމީ ދާއިރާގެ މަސައްކަތްތައް މަޑު ޖެހިފައިވީ ނަމަވެސް މިއަހަރު ތެރޭގައި ބައެއް ފަންނާނު ފިލްމުތަކުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ބައެއް ފަރާތްތަކުން ފިލްމާއި ޑްރާމާތައް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެފަދަ ފުރުސަތެއް ލިބިފައިވޭތޯ ސުވާލު ކުރުމުން އާރިފާ ބުނީ "އެހެން ފަރާތްތަކުން ވެސް ދައުވަތެއް ލިބިފައި ނުވޭ" ކަމަށެވެ.
އާރިފާ ވަނީ ދިވެހި ފިލްމީ ދާއިރާގައި ފާހަގަ ކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެއްގެ އިތުރުން ވާހަކަ ލިޔެ ސްކްރީންޕްލޭ ވެސް ތައްޔާރުކޮށްދީފަ އެވެ.
އާރިފާ އެކްޓިން އާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް ނުކުތީ 1987 ވަނަ އަހަރު ގަލޮޅުގެ ފަރާތުން އޮލިމްޕަހުގައި ބޭއްވި "ފެހި ވިދުވަރު" ސްޓޭޖް ޝޯއިންނެވެ.
އޭނާ ވަނީ މިހާތަނަށް 36 އަށްވުރެ ގިނަ ފިލްމާއި 16 އަށްވުރެ ގިނަ ޑްރާމާ ސިލްސިލާގައި އެކްޓްކޮށްފަ އެވެ. މީގެ އިތުރުން ތިން ފީޗާ ފިލްމާއި ފަސް ޑްރާމާ ސިލްސިލާ ޑައިރެކްޓްކޮށްފައިވެ އެވެ.
ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒްގައި ވެސް އާރިފާ، މަންމަގެ ބައި ކުޅެފައިވާކަން ފާހަގަކޮށްލެވެ އެވެ. އަދި ތިން ވަނަ ގައުމީ ފިލްމު އެވޯޑްސް އިން ބެސްޓް ސަޕޯޓިން އެކްޓްރެސް މަގާމު ވެސް އާރިފާއަށް ވަނީ ލިބިފަ އެވެ.
މަންމަ ގެ ބައި ކުޅެން ހަމަ އެންމެ ބެސްޓު.