މާފަންނު މަދަރުސާގައި ކޮވިޑް ސާމްޕަލް ނަގަނިކޮށް ތަދުވިލެއް ބޮޑުކަމުން އަތުގައި ހިފައި ދުރައްލެވުނު މައްސަލާގައި އެ އަންހެން މީހާއާ ބައްދަލުކޮށް ދިއްގަރު ދާއިރާގެ މެމްބަރު އިކުރާމް ހަސަން މައާފަށް އެދިއްޖެ އެވެ.

އިކްރާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އަންހެން މީހާ އާއި އޭނާގެ މަންމައާ މިއަދު ބައްދަލުކޮށް އޭނާ ބުނެވިފައިވާ ބަހަށް އަދި ކުރެވިފައިވާ ކަމަށް މައާފަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ.

އެކަމާ ގުޅިގެން އިމްރާމް ވަނީ އެޗްއީއޯސީގެ އާރްއާރްޓީމްގެ ކިބައިން ވެސް މައާފަށް އެދިފަ އެވެ.

ކޮވިޑް ސާމްޕަލް ނަގަންހުރި އަންހެނެއްގެ ގައިގައި އިކްރާމް ޖެހިކަމަށް ބުނެ އެ އަންހެން މީހާ ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފަ އެވެ. އަދި މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަނުން ވަނީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފަ އެވެ.

މެމްބަރު އިކުރާމް "ހުރިހާ"އަށް ވިދާޅުވީ ކޮވިޑް ޓެސްޓްކުރަން ހުރި ކުއްޖާ ނޭފަތުގެ ތެރެއަށް ކަފަބުރު ކޮށްޕުމުން ހީވީ ސިކުނޑީގައި ޖެހުނުހެން ކަމަށެވެ. އަދި ތަދުވިލެއް ބޮޑުކަމުން އަތުގައި ހިފައި ދުރައްލީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މައްސަލަ ޕޮލިހަށް ހުށަހަޅައިގެން ބަލަންވީ. އަޅުގަނޑު އެއްގޮތަކަށް ވެސް ޖަހާފައެއް ނުވާނެ. އެއީ ކަނޑައެޅިގެން ދޮގެއް،" އިކުރާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން އޭނާ ކޮވިޑަށް ޓެސްޓް ހެއްދެވި ކަމަށެވެ. ނަމަވެސް އޭރު އެއްވެސް ވަރެއްގެ ތަދެއް އިހުސާސް ނުވާ ކަމަށް ވެސް އިކުރާމް ވިދާޅުވި އެވެ.

"އެއަށްވުރެ އޯގާތެރިކޮށް ވެސް އެކަންކުރެވޭނެ. ނޭފަތުގެ ތެރެއަށް ކަފަބުރު ކޮއްޕާ ތަޅުވައިގަތީމަ އަތުގައި ހިފައި ދުރަށްލީ،" އޭނާ ވިދާޅުވި އެވެ.