އިންސާނުންނަކީ ކުށް ކުރެވޭނެ ބައެކެވެ. އެއީ އަހަރެމެންގެ ތަބީއަތުގައި ލައްވާފައިވާ ސިފަ އެކެވެ. އެހެން ކަމުން ކުށެއް ކުރެވުމަކީ އެކަން ރަނގަޅު ކުރަން ތިބާ މަސައްކަތް ކުރާހާ ހިނދަކު މައްސަލައެއް ނޫނެވެ.

އެހެނީ ކުރިން ކުރެވިފައިވާ ކުށްތަކަށް އަމިއްލަ ނަފްސު އަބަދާއަބަދު ކުށްވެރިކުރުމަކީ ވެސް އެދެވިގެންވާ ގޮތެއް ނޫނެވެ. އެންމެ މޮޅު ގޮތަކީ ކުށެއް ކުރެވިފައިވާނަމަ އެކަމެއް އިސްލާހުކޮށް އެކުށްތަކަށް ޓަކައި އަމިއްލަ ނަފްސަށް މައާފު ކުރުމެވެ.

ކުރެވިފައިވާ ކުށްތަކަށް އަމިއްލަ ނަފްސު ޒިންމާދާރު ކުރުވައި މަތިއެޅުވުމަކީ ނަފްސާނީ ގޮތުން ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ. އެހެންކަމުން އަމިއްލަ ނަފްސަށް މައާފުކުރުމަކީ ނަފްސާނީ ދޮޅަހެޔޮކަމަށް ވަރަށް މުހިއްމު ކަމެކެވެ.

އަމިއްލަ ނަފްސަށް މައާފުކުރުމުގެ އެންމެ ފުރަތަމަ މަރުހަލާއަކީ ކުށެއް ކުރެވިފައިވާކަން ގަބޫލުކުރުމެވެ. ކުށުގެ ޒިންމާ ނަގައި އެކަމަށް އިއުތިރާފުކުރުމެވެ.

އެއަށްފަހު ދެންއޮތީ މީހެއްގެ ހައްގެއް ނިގުޅައިގަނެވިފައި ވާނަމަ އެކަމުގެ ބަދަލު ދިނުމެވެ. ތިމާއަށް ކުރެވިފައިވާ ކުށުގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބިފައި ވާނަމަ ނުވަތަ މީހަކަށް ކުޑައިމީސް ކުރެވިފައިވާނަމަ އެ މީހެއްގެ ފަރާތުން މައާފަށް އެދި ބަދަލު ދިނުމެވެ. މިކަމަށްޓަކައި އިސްލާމީ ޝަރީއަތުގެ އުސޫލުތައް ބޭނުން ކުރެވިދާނެ އެވެ.

ދެން އޮތީ ތިމާގެ ރޫހާނީ ނަފްސަށްކުރަން ވެފައި އޮތް ކަމެވެ. ކުރެވިފައިވާ ކުށްތައް އިސްލާހު ކުރުމެވެ. އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ފާފައަކަށް އަރައިގަނެވިފައިވާ ނަމަ ތައުބާވުމެވެ.

ސާފު ހިތަކާއެކު ތައުބާވެ، ކުރެވުނު ކުށް އިސްލާހު ކޮށްފިނަމަ އެ ކުށުގެ ޒިންމާއިން ބަރީއަވީ އެވެ. މިގޮތުގެ މަތިން އަމިއްލަ ނަފުސަށް މައާފުކޮށްފި މީހަކު އޭނާގެ ކުރީގެ ކުށްތަކަށް އަމިއްލަ ނަފްސު ޒިންމާދާރު ކުރުވުން ހުއްޓާލާނެ އެވެ.