15 މިނެޓް ތެރޭގައި ނަތީޖާ ލިބޭ ކޮވިޑް ޓެސްޓް ހެދުމުގެ ހުއްދަ މެޑިޓެކަށް އެޗްޕީއޭއިން ދީފި އެވެ.
މެޑްޓެކްއިން ބުނީ ކޮވިޑް ޖެހިފައިވާކަން ޔަގީންކުރަން އެންޓިޖެން ޓެސްޓު ހަދަން މެޑްޓެކްއިން ގެނެސްފައިވާ އެމެރިކާގެ "އެބޮޓް" ބްރޭންޑްގެ ޕެންބިއޯ އެންޓިޖެން ޓެސްޓް ހަދައިގެން 15 މިނެޓް ތެރޭގައި ނަތީޖާ ލިބޭނެ ކަމަށެވެ.
މިއީ ދުނިޔޭގައި އެންމެ އަގުހެޔޮކޮށް ކޮވިޑް ޓެސްޓް ހެދޭ އަދި ބަލި ހުރިކަން ދެނެގަނެވޭ މިންވަރު ކުޑަ ޓެސްޓް ކިޓެކެވެ. މި ޓެސްޓް ހެދުމަށް ޚަރަދު ވާނީ އެންމެ ފަސް ޑޮލަރު ކަމަށް ވެ އެވެ.
މެޑްޓެކްއިން ބުނީ އެ ޓެސްޓް ހަދަން ޖެހޭނީ ކޮވިޑްގެ އަލާމާތްތައް ފެންނަތާ ހަތް ދުވަސްތެރޭ ކަމަށެވެ. އަދި އަލާމަތްތައް ފެންނަތާ ފަސް ދުވަސްފަހުން މި ޓެސްޓް ހަދައި ނަތީޖާ ނެގެޓިވްވި ނަމަވެސް ޕީސީއާރު ޓެސްޓް ހަދައި ނަތީޖާ ކަށަވަރުކުރަންވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މެޑިޓެކުން ބުނީ ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ސިއްޙީ ޚިދުމަތްދޭތަނެއްގައި ތަމްރީނުވެފައިވާ ސިއްހީ ޚިދުމަތްތެރިން އިންފެކްޝަން ކޮންޓްރޯލް އެންޑް ޕްރިވެންޝަން އަށް ފިޔަވަޅު އަޅަންވާނެ ކަމަށެވެ.
ރެޕިޑް އެންޓިޖެން ޓެސްޓު ހެދުމާ ބެހޭ ގޮތުން އެޗްޕީއޭއިން އާމުކޮށްފައިވާ އުސޫލުގައިވާ ގޮތުން ކޮވިޑް ފެތުރެމުންދާ ރަށެއްގައި ނުވަތަ ތަނެއްގައި އެ ޓެސްޓް ބޭނުންކުރަން ވާނީ އެތަނެއްގައި ހުންނަ ސިއްހީ ޚިދުމަތްދޭ ތަނަށް އަންނަ ކޮވިޑްގެ އަލާމާތްތައް ފެންނަ ބަލި މީހުން ޓެސްޓްކުރުމަށް އެކަނި ކަމަށެވެ. މީގެ ތެރޭގައި ފްލޫ ކްލިނިކަށާއި ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒަށް ދައްކާ ބަލި މީހުން ވެސް ހިމެނެ އެވެ.
ސިއްހީ ޚިދުމަތްދޭ އެފަދަ ތަނަކީ އެންޓިޖެން ޓެސްޓް ހަދަން ހެލްތް މިނިސްޓްރީން ހުއްދަ ލިބިފައިވާ ތަނެއްކަމަށް ވާނަމަ އެ ޓެސްޓް ބޭނުންކޮށްގެން ޓެސްޓް ހެދުމަށް އިތުރު ހުއްދައެއް ބޭނުމެއްނުވާނެ ކަމަށް އެޗްޕީއޭގެ އުސޫލްގައި ބުނެފައިވެ އެވެ.
އެޗްޕީއޭއިން ބުނިގޮތުގައި ގިނަމީހުން އެއްކޮށް އުޅޭ މާހައުލުތަކުގައި ބަލި އުޅޭކަމަށް ބެލެވިގެން ބަލި އަވަހަށް ދެނެގަންނަން ޖެހިފައިވާނަމަ އަދި މުޖުތަމައުގައި ބަލި ފެތުރެމުންދާ ޙާލަތުގައި މުހިއްމު ބައެއް ފަރާތްތަކުގެ މެދުގައި ބަލިފެތުރިފައިވާ މިންވަރު އަވަހަށް ދެނެގަނެ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ޙާލަތުގައި އެ ޓެސްޓް ބޭނުންކުރެވޭނެ އެވެ. އަދި މިފަދަ ހާލަތްތަކުގައި އެންޓިޖެން ޓެސްޓް ބޭނުންކޮށްގެން ޓެސްޓްކުރުމުގެ ކަންތައްތައް ހަމަޖައްސާނީ އެ އެޖެންސީން ކަމަށް ވެސް ބުނެފައިވެ އެވެ.
އެޗްޕީއޭއިން ވަނީ އެންޓިޖެން ޓެސްޓް ކޮށްގެން ނުވާނެ ޙާލަތްތައް ވެސް ކަނޑައަޅައިފަ އެވެ. އެގޮތުން ބަލީގެ އަލާމާތް ނުފެންނަ މީހަކަށް ނުވަތަ ބަލިޖެހިފައިވާ މީހެއްގެ ކޮންޓެކްޓަކަށް ނުވާކަން ކަށަވަރުވާ މީހަކަށާއި ބަލި އުޅޭކަން ނޭނގޭ ނުވަތަ ބަލި މަދުމަދުން ފެންނަ ޙާލަތުގައި ބަލިދެނެގަނެ ފަރުވާ ދިނުމުގެ ބޭނުމުގައި މި ޓެސްޓްކޮށްގެން ނުވާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ. އަދި ޓެސްޓްކުރާތަނުގައި އެންމެ އެކަށީގެންވާ ބަޔޯ ސޭފްޓީ އަދި އިންފެކްޝަން ޕްރިވެންޝަން ކޮންޓޯލު ފިޔަވަޅުތައް ނެތްނަމަ މި ޓެސްޓް ކޮށްގެން ނުވާނެ ކަމަށް އެޗްޕީއޭ އިން ބުނެފައިވެ އެވެ.
މީގެ އިތުރުން މީހުން އެތެރެވާ ބަދަރުތަކުގައި ބޯޑަ ސްކްރީނިންގެ ބޭނުމުގައި އަދި ލޭ ހަދިޔާކުރުމުގެ ކުރިން ބައްޔަށް ސްކްރީންކުރުމުގެ ބޭނުމުގައި ވެސް އެންޓިޖެން ޓެސްޓް ކޮށްގެން ނުވާނެ ކަމަށް ކަމަށް އެޗްޕީއޭ އިން ހަމަޖެއްސި އުސޫލުގައި ހިމަނާފައިވެ އެވެ.
އެފްޑީއޭ އެޕްރޫވް ނުކުރާ އާލާތެއް