މިމަހުގެ ކަރަންޓު ބިލު އާދަޔާ ހިލާފަށް ބޮޑުވުމުގެ ޝަކުވާ އެއްވެސް ފަރާތުން ހުށަހަޅާފައިނުވި ނަމަވެސް އެ މައްސަލަ ބަލަމުން އަންނަ ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނެފި އެވެ.

މިމަހުގެ ކަރަންޓު ބިލު ބޮޑު ކަމަށް ބުނެ ގިނަ ބަޔަކު ޝޯސަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ޔުޓިލިޓީ އޮތޯރިޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ބައެއް ކަސްޓަމަރުންގެ މިހިނގާ ޖުލައި މަހުގެ ބިލު އާދަޔާ ޚިލާފަށް ބޮޑުވެފައިވާކަމުގެ ޝަކުވާ ސޯޝަލް މީޑިއާގެ ޒަރީއާއިންނާއި އެކި ގޮތްގޮތުން އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެން ނަމަވެސް ރަސްމީކޮށް އެއްވެސް ފަރާތްތަކުން އެ މައްސަލަ ހުށަހަޅާފައިނުވާ ކަމަށާއި ނަމަވެސް މި މައްސަލަ ބަލަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މާލެއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ސްޓެލްކޯއިން ވެސް ބުނެފައި ވަނީ، ގޭބިސީތަކުގެ ކަރަންޓު ބިލުގައި މައިގަނޑު ގޮތެއްގައި އައިސްފައިވާ ބަދަލަކީ ވެސް ސަބްސިޑައިޒްކޮށްފައިވާ ބައި އުނިކުރުމުން އައިސްފައިވާ ބަދަލެއް ކަމަށެވެ. ސްޓެލްކޯއިން ވަނީ މީގެ ކުރިން ވެސް ބިލްތަކަށް މިބަދަލު އަންނާނެ ކަމަށް ބުނެފަ އެވެ.

ސްޓެލްކޯއިން ވަނީ ކަރަންޓު ބިލުގައި ފާހަގަކުރެވޭ ވަރުގެ ބޮޑު ބަދަލެއް އައިސްފައިވާ ކަން ފާހަގަވާ ނަމަ ސްޓެލްކޯގެ ކޯލް ސެންޓަރަށް އެ ކަން ރިޕޯޓް ކުރުމުން، ދެވަނަ ފަހަރަށް ރީޑިން ނަގަން އެ ގެއަކަށް ޒިޔާރަތްކޮށް ކަރަންޓު ބިލުގެ އަދަދު ދެ ވަނަ ފަހަރަށް ކަށަވަރު ކުރާނެ ކަމަށް ބުނެފަ އެވެ.