އައްޑޫ ސިޓީ ކައުންސިލްގެ ހުޅުދޫ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުކުރީ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފި އެވެ.

އެމްޑީޕީއަށް ނިސްބަތްވާ ޝުކުރީ ކުރެއްވި ފޭސްބުކު ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލަށް އަމާޒުކޮށް ރައްޔިތުން އެއްޗިހި ކިޔަނީ ކިޔަންވެގެން ކަމަށެވެ.

އޭނާ ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލްގެ ނަމުގައި ވަކި ބަޔަކު ހިންގަމުންދާ ގާނޫނާ ޚިލާފު މައްސަލަތައް ބެލޭނެ މުއައްސަސާއެއް މި ގައުމުގައި ހުރިހެން ހީނުވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އަށް ސިޓީ ފޮނުވައިފިން. އެލްޖީއޭއަށް ތަކުރާރުކޮށް ލިޔެފިން. ކައުންސިލްގެ ބަޖެޓުން ޚަރަދުކުރާ ގޮތުގެ ވާހަކަ ހުޅުދޫ އަދި މީދޫގެ މަޖިލިސް މެމްބަރުންނަށް ވަކިވަކިން ފޮނުވިން،" ޝުކުރީ ވިދާޅުވި އެވެ.

ޝުކުރީ ވިދާޅުވީ ހުޅުދޫ އަދި މީދޫގެ މަޖިލިސް މެމްބަރުންނަށް ކަންބޮޑުވުންތައް ހިއްސާކުރުމުން އެއް މެމްބަރަކު ވަރަށް ޒިންމާދާރުކަން ކުޑަ ޖަވާބެއް ދިން ކަމަށެވެ. އަދި ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ހައްގުތަކަށް ވަނީ އަރައިގެންފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި ގާއިމްކުރާ ގޭދޮށު މަސް ޕްލާންޓަށް ބިން ދިނުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ޝުކުރީ ވަނީ ތުހުމަތު ކުރައްވާފަ އެވެ.

"މި މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅަން ނުޖެހޭތޯ،" ޝުކުރީ ސުވާލު ކުރެއްވި އެވެ.

އައްޑޫ ސިޓީ ކައުންސިލަށް ރައްދުވާގޮތަށް ކޯޓުތަކަށް ހުށަހެޅިފައިވާ ރައްޔިތުންނާ ގުޅުންހުރި މައްސަލަތަކުގައި މޭޔަރު ސޯބެ ބޭނުންވާ ގޮތަކަށް އަމަލު ކުރަމުން އަންނަ ކަމަށް ވެސް ޝުކުރީ ތުހުމަތު ކުރެއްވި އެވެ.