އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން 63 އަހަރުގެ އެލަން ބްރޫސްއާއި އޭނާގެ އޭނާގެ ބައިވެރިޔާ އުމުރުން 49 އަހަރުގެ ސްޓެފަން ޕީއާއަށް ވަނީ ނުރައްކާތެރި ހާދިސާއަކާ ކުރިމަތި ލާންޖެހިފަ އެވެ.

ޕްރައިވެޓް ޔޮޓެއްގައި ޕޯޗުގަލްއަށް ދަތުރުކުރި ރާސްތާގައި އެ ދެ މީހުންނަށް ކުރިމަތިވި ހާދިސާއަކީ ދުވަހަކު ވެސް ހިތުން ނުފިލާނެ ހާދިސާއެއް ކަމަށް އެލަން ބުންޏެވެ.

"އެ ސޮރުމެން އައިސް ޔޮޓް ވަށާލީ. އަދި ޔޮޓަށް ހަމަލާ ދީ ބަންޑުން ކޮށްލަން މަސައްކަތް ކުރީ،" އެ ހާދިސާ ސިފަ ކޮށްދެމުން އެލަން ބުންޏެވެ.

ދިގުމިނުގައި 18 ވަރަކަށް ފޫޓު ހުންނަ ބޮޑުމަސްތަކެއް އެ މީހުން ދަތުރު ކުރަމުން ދިޔަ އުޅަނދަށް ވަށައިގެން ގެއްލުން ދެމުން ދިޔައިރު އެ ދެ މީހުން އިސްކުރީ މަޑުމައިތިރިކަމެވެ.

އެގޮތުން ލިބިފައިވި ތަޖުރިބާގެ ބޭނުންކޮށް ޔޮޓުގެ އިންޖީނު ނިއްވާލައި ޔޮޓްގެ ތިރީ ޑެކަށް އެ މީހުން ދިޔައިރު ވެސް މެދުކެނޑުމެއް ނެތި ބޮޑުމަސްތަކުގެ ހަމަލާތައް ދިޔައީ އަމާޒުވަމުންނެވެ. އެންމެ ކައިރީގައި އޮތް ބަނދަރު އޮތީ 10 މޭލު ދުރުގަ އެވެ.

"އެ ސޮރުމެންނަކީ ގަޑިއަކު 34 މޭލަށް ދަތުރުކުރާ، ބުއްދި ރަނގަޅު އެއްޗެއް. ޔޮޓު ކުރިއަށް ގެންގޮސް އެސޮރުމެން ރުޅިގަދަކޮށްފި ނަމަ ވާނެ ގެއްލުން ބޮޑުވާނެތީ އިންޖީނު ނިއްވާލީ،" އޭނާ ބުންޏެވެ.

އެލަން ބުނި ގޮތުގައި އެ ބޮޑުމަސްތައް އެ މީހުންގެ އުޅަނދަށް ގެއްލުން ދިނީ ކެއުމުގެ ބޭނުމުގަ އެވެ. އެގޮތުން އެ ވަގުތު އެ ދެމީހުން އެސޮރިުމެންނަށް ފެނުނީ ނާސްތާއެއްގެ ގޮތުގައި ކަމަށް އެލަން ސިފަކުރި އެވެ.

ޔޮޓު ބަންޑުން ޖަހާލައި އެލަންއާއި ޕިއާ ކަނޑުމަތި ކުރުވަން ދޮޅުގަޑިއިރެއް ހާއިރު ބޮޑުމަސްތައް މަސައްކަތް ކުރި އެވެ. ނަމަވެސް ކާމިޔާބު ނުލިބުމުން އެސޮރުމެން ފަހަތަށް ޖެހި ދުރަށް ދިޔަ އެވެ.

އެލަން ގަބޫލު ކުރާ ގޮތުގައި މިފަދަ ހަމަލާތަކަކީ އިންސާނުންގެ ފަރާތުން ކަނޑުގެ ދިރުންތަކަށް ލިބެމުންދާ ގެއްލުމުގެ ބަދަލެވެ.

ޕެސިފިކް ކަނޑުންނާއި އެހެނިހެން ބޮޑު ކަނޑުތަކުން ދަތުރުކުރާ މިފަދަ އުޅަނދުތަކަށް ބޮޑުމަހުގެ ހަމަލާތައް އަމާޒުވުން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.