ޔުނައިޓެޑް މެކްސިކަން ސްޓޭޓްސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ފެޑެރިކޯ ސަލަސް ލޮފްޓް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް އަރުވައިފި އެވެ.

އައު ސަފީރު ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރު ރައީސް އޮފީހުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މެކްސިކޯގެ އައު ސަފީރަށް މަރުޙަބާ ވިދާޅުވެ، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެއާއި، މެކްސިކޯއާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ. އަދި، އެމަނިކުފާނު ވަނީ ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކުގެ ފަހުގެ މައުލޫމާތު މެކްސިކޯ ސަފީރާ ހިއްސާ ކުރައްވާފަ އެވެ. މިގޮތުން، އެމަނިކުފާނު ވަނީ ރާއްޖޭގައި ކުރިޔަށް ގެންދާ ކޮވިޑް ދިފާއު ވެކްސިނޭޝަން އާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވާފަ އެވެ.

މީގެއިތުރުން ވެސް، މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅުތަކަށްފަހު ފަތުރުވެރިންނަށް ރާއްޖެ އަލުން ހުޅުވާލާ ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވައި މި ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ސަފީރާ މަޝްވަރާ ކުރައްވާފަ އެވެ.

މެކްސިކޯ ސަފީރު ފާހަގަކުރެއްވި ގޮތުގައި، ގިނަ އަދަދެއްގެ މެކްސިކޯ ރައްޔިތުން މިހާރުވެސް ރާއްޖެ ޒިޔާރަތްކުރުމަށް ޝައުގުވެރިވާ ކަމަށާއި، ރާއްޖޭގެ ރިސޯޓްތަކުގައި ޝެފުންގެ ގޮތުގައި އަދި، މެނޭޖީރިއަލް ޕޮޒިޝަންތަކުގައި މިހާރު ވެސް ގިނަ އަދަދެއްގެ މެކްސިކޯ ރައްޔިތުން ވަޒީފާއަދާކުރަމުންދާ ކަމަށް ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއަކީ ހައިޑްރޯ-ކްލޯރޯ-ފްލޯރޯ-ކާބަންސް (އެޗްސީއެފްސީސް) އެންމެ ފުރަތަމަ ފޭސްއައުޓް ކުރި ގައުމުކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މިއަހަރު ފަހުކޮޅު އިނގިރޭސިވިލާތުގެ ގްލަސްގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް 26 ބައްދަލުވުމުގައި މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައި ދެ ގައުމަށް ވެސް ފައިދާކުރަނިވި ހައްލުތަކެއް ހޯދުމަށް މަސައްކަތްކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި، ދެބޭފުޅުން ވަނީ ރާއްޖޭގެ ނޫ އިގްތިސާދުގެ ދާއިރާއިން މެކްސިކޯގެ އަމިއްލަ ކުންފުނިތަކާއެކު ވިޔަފާރީގެ ގުޅުން ގާއިމުކުރުމާއި، ސާފު ހަކަތައިގެ ދާއިރާއިން ދެ ގައުމުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

ދެ ބޭފުޅުންގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ ކުރިމަގުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވަމުންނެވެ. ރާއްޖެއާއި، މެކްސިކޯއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ ނޮވެންބަރު 15، 1975 ގަ އެވެ.