ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލުވާން ހޯދުމަށް މިސަރުކާރަށް ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިޔާ ރިލްވާން ގެއްލުނުތާ ހަތް އަހަރު ފުރުމާ ގުޅިގެން މެމްބަރު ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިލްވާނު ވީގޮތް ހޯދުމުގައި ޢާއިލާއިންނާއި ރައްޓެހިން ކުރި ބުރަ މަސައްކަތާއި ހިތްވަރު ފިޔަވައި ފެންނާން އޮތް އެހެން މާބޮޑު ކަމެއް ނެތް ކަމަށެވެ. މިކަމުގައި ދައުލަތަށް މިހާތަނަށް ކޮށްދެވުނު ހަމަ އެއްކަމެއް ވެސް ނެތްއިރު، ވީހާވެސް ކަމަކީ މިކަމުގައި އަޅާނުލައި ތިބުން ކަމަށާއި، މިއީ ލަދުވެތި ކަމެއް ކަމަށް ވަހީދު ވިދާޅުވި އެވެ.
ވަހީދު މިހެން ވިދާޅުވިއިރު މަރުގެ ކޮމިޝަނުން ރިލްވާން މައްސަލާގައި މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެކޮމިޝަނަށް މިމައްސަލަ ތަހުގީގުކުރުމުގައި ދިމާވާ އެންމެބޮޑު ގޮންޖެހުމަކީ ހެކިބަސް ދޭން ބޭނުންވާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ނެތުން ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް އެ ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެކޮމިޝަނުން ބުނެ އެވެ.
ރިލްވާންއަށް ވީގޮތުގެ ހަގީގަތް ހޯދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް މިއަދާ ހަމަޔަށް އައިއިރު އެ މައްސަލައިގެ ތަހުގީގު ނުނިމޭތީ އާއި އޭނާއަށް އިންސާފު ނުލިބޭތީ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެ ސުވާލު އުފައްދަމުންނެވެ. އަދި އެކަމަށްޓަކައި ރައީސް އެކުލަވާލެއްވި ކޮމިޝަނުންގެ މެމްބަރު މުސާރަ ނެގުން ފިޔަވައި އިތުރުކަމެއް ކުރެވިފައިނުވާ ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލިފައި ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް 8 ވަނަ ދުވަހު އެވެ.
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގިތާ މިއަދާ ހަތް އަހަރުވެފައިވާއިރު، އެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ނިންމާނެ ތާރީހެއް ދިނުމަށް ރިލްވާންގެ އާއިލާއިން ގޮވާލައިފި އެވެ