ކުރީގެ ސަރުކާރުން ހުޅުމާލެގެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފުލެޓުތަކުގެ އިމާރާތުގެ ކޮލިޓީއާ މެދު ކަންބޮޑުވާން ޖެހޭ ފަދަ ކަމެއް ނުހުންނާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވެއްޖެ އެވެ.

އެޗްޑީސީގެ އެމްޑީ ސުހައިލް މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ހިޔާ ފްލެޓް ލިބުނު ފަރާތްތަކާއި ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ހިޔާ ފްލެޓާ ގުޅިގެން ތަފާތު ވާހަކަތައް ސޯޝަލް މީޑިއާގައި އަންނަނީ ދެކެވެމުންނެވެ.

ހިޔާ ފްލެޓްގެ ރައްކާތެރިކަމާ މެދުގައި ސުހައިލް ވިދާޅުވީ ރާއްޖޭގެ ގަވާއިދުތަކާ އެއްގޮތަށް އިންޖިނިއަރަކު ސޮއިކޮށް ކުރެހުންތައް ހުށަހަޅައިގެން ހުއްދަ ލިބިގެން ކަމަށެވެ. އަދި ހިޔާ ފުލެޓުތައް އިމާރާތްކުރުމުގެ މަސައްކަތްކުރަމުން ދިޔައިރު، އެޗްޑީސީން މަސައްކަތްކުރަމުން ދިޔައީ އެ ކުންފުނީގެ އިންޖިނިއަރުންގެ ޓީމަކުން އެ މަސައްކަތް ބަލަހައްޓަމުން ކަމަށް ވެސް ސުހައިލް ވިދާޅުވި އެވެ.

ހިޔާ ފްލެޓްގެ އިމާރާތްތަކުގެ ރައްކާތެރިކަމާއި ކޮލިޓީއާމެދުގައި ސުވާލު ކުރެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ސުހައިލް ވިދާޅުވީ ހިޔާ ފްލެޓް ފިނިޝިން މަސައްކަތް ކުރުމަށް ދީފައިވާ ތިން މަސް ދުވަހު ތެރޭގައި ފްލެޓުގެ ކުލި ނުނަގާނެ ކަމަށެވެ. އަދި ފިނިޝިން މަސައްކަތަށް ދިނުމަށް ހަމަޖެހިފައިވާ ތިންމަސް ދުވަހުގެ މުއްދަތު ގުނަން ފަށާނީ، ކަރަންޓުގެ މަސައްކަތް ނިމުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިމަހުގެ 17 ފަހުން ހިޔާ ފްލެޓަށް ވަދެވޭ ވަރު ވާނެ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ހިޔާ ފްލެޓްގައި ދިރިއުޅޭ ފަރާތްތަކަށް އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ޔުނިޓްތައް ގާއިމްކުރުމަށް އެތަންތަން ކުއްޔަށް ދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ސުހައިލް ވިދާޅުވި އެވެ.

އަދި ހިޔާ ފުލެޓުތަކަށް މީހުން ވަދެ އެތަންތަނުގައި ދިރިއުޅެން ފަށާއިރު ބޭނުންވާ ހުރިހާ ޚިދުމަތެއް އެތަނުން ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށްވެސް ސުހައިލް ވިދާޅުވި އެވެ. އެގޮތުން ބުކް ޝޮޕްތަކާއި ގުރުއާން ކިލާސްތަކާއި ކްލިނިކްތައް އެ ތަންތަނުގައި ގާއިމުކުރެވޭނެ ކަމަށް ސުހައިލް ފާހަގަކުރެއްވި އެވެ.