ތިލަމާލެ ބްރިޖް މަޝްރޫއުއާ ގުޅިގެން ވިލިމާލެ ސިނާއި ސަރަހައްދު ގެއްލިގެންދާނެތީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން މާލެ ސިޓީގެ ތަރައްގީ ޕްލޭނާ ގުޅިގެން ހިޔާލު ހޯދުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު ޑރ. މުއިއްޒު ރޭ ވިދާޅުވީ ތިލަމާލެ ބްރިޖް މަޝްރޫއު ކުރިއަށް ގެންދަން ސަރުކާރުން ނިންމާފައިވާއިރު އެކަމުގައި ރައްޔިތުން ހިޔާލު ހޯދާފައިނުވާ ކަމަށެވެ. ގާނޫނު ބުނާގޮތުން ކައުންސިލެއްގެ އިހުތިސާސުގެ ތެރޭގައި އެއްވެސް މަޝްރޫއެއް ސަރުކާރުން ހިންގާނަމަ ކައުންސިލް މެދުވެރިކޮށް ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭ ކަމަށާ އެކަން ސަރުކާރުން ނުކުރާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"މިނިސްޓްރީއަކުން މަސައްކަތެއް ކުރާނަމަ ކައުންސިލް މެދުވެރިކޮށް ރައްޔިތުންގެ ހިޔާލު އެކަމަށް ހޯދަން ޖެހޭ. ގާނޫނުގައި ލިޔެފައި އެބައޮތް. އެހެން ނަމަވެސް އަޅުގަނޑަކަށް އެނގިފައެއް ނެތް ރައްޔިތުންގެ ހިޔާލު އެކަމުގައި ހޯދި ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖާ ގުޅުގެން ކުރިމަތިވެދާނެ މައްސަލަތަކާ ގުޅޭ ގޮތުން މޭޔަރު މުއިއްޒު ވިދާޅުވީ ބްރިޖުގެ މަސައްކަތް ނިމިގެންދާއިރު އެސަރަހައްދަށް އަންނަ ބަދަލުތަކާ ގުޅިގެން ވިލިމާލެ ސިނާއީ ސަރަހައްދު ގެއްލިގެންދާނެ ކަމަށެވެ.

އެ ހާލަތުގައި ސިނާއީ ސަރަހައްދު ޕާކިން ޒޯނަކަށް ބަދަލުކޮށް ސިނާއީ މަސައްކަތްކުރާ ތަންތަން ދެން ބަދަލުކުރާނީ އަނެއްކާ ވެސް ރަށުތެރެއަށްތޯ މުއިއްޒު ވަނީ ސުވާލު ކުރައްވާފަ އެވެ. އެހެން ކަމުން ބްރިޖްގެ މަސައްކަތް ކުރާއިރު އެކަމުގައި ރައްޔިތުންގެ ބައިވެރިވުމާއި ހިޔާލު އަދި މަޝްވަރާ ހޯއްދެވުމަށް ތަކުރާރުކޮށް މޭޔަރު އެދިވަޑައިގެންނެވި އެވެ

"މި ބްރިޖް އައިސް ވިލިމާލެއާ ގުޅޭ ހިސާބުން ދެން އެ ބޭފުޅުން އެކުރައްވާ ޕްލޭނެއްގެ ތެރެއިން އަޅުގަނޑަށް ހަމަ ހީވަނީ ސިނާއީ ސަރަހައްދު ދެން އެއްކޮށް ތާއަނބަދަށް ގެއްލިގެންދާނެ އޭ. ރައްޔިތުން އެކަމުގެ ހިޔާލު ދެއްވައިގެން ރައްޔިތުންގެ މަޝްވަރާ ހޯދައިގެން ކަންކަން ނުކޮށްފިނަމަ އެ ސިނާއީ ސަރަހައްދެއް ނޯންނާނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖް އަޅަން މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ބައެއް ހުސް ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ އިއުލާނު ކޮށްފަ އެވެ. އެކި ކަންކަމަށް ބިން ދޫކޮށްފައިވާ މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ ބައެއް ބިންތައް ބުރިޖުގެ މަސައްކަތަށް ހުސް ކުރަން ހައުސިންއިން ވަނީ ގެޒެޓްގައި އެ އިއުލާނު ޝާއިއު ވެސް ކޮށްފަ އެވެ. އޭގައި ބުނަނީ ގުޅިފަޅު ހިމެނޭ ގޮތަށް މާލެއާއި ވިލިމާލެއާއި ތިލަފުއްޓާއި ގުޅުވާލައި ތިލަމާލެ ބްރިޖް މާލެއާ ގުޅޭނީ އިންޑަސްޓްރިއަލް ވިލެޖަށެވެ. މަސައްކަތް ކުރިޔަށް ދާއިރު މާލޭގެ ވޯކްސައިޓެއްގެ ގޮތުގައި ބޭނުން ކުރާނީ ވެސް އިންޑަސްޓްރިއަލް ވިލެޖު ކަމަށެވެ.

ވަގުތީ ގޮތުން ދޫކޮށްފައިވާ ބިންތައް ހުސް ކުރަން ފަށާފައިވާ ކަމަށް ވެސް އިއުލާނުގައި ހައުސިން އިން ބުނެފައި ވެ އެވެ. އަދި ބުނެފައި ވަނީ އެ ސަރަހައްދުން ވަކިފަރާތަކާއި ހަވާލު ކޮށްފައިނުވާ ބިންތަކަކީ ވެސް ބްރިޖުގެ މަސައްކަތަށް ބޭނުން ކުރާނެ ބިން ކަމަށާއި ވިލެޖުގައި ޕާކު ކޮށްފައިވާ ވެހިކަލްތައް ނަގައި އެތަންތަން ވެސް ހުސްކުރަން ބޭނުންވާ ކަމަށެވެ.

އިއުލާނު ބުނާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ވެހިކަލްތައް ނަގަން ފުރުސަތު ދީފައިވެ އެވެ. އެ މުއްދަތު ހަމަވާއިރު ނުނަގާ ވެހިކަލްތައް މިނިސްޓްރީން ނަގާނެ އެވެ. އަދި ލިބޭ ގެއްލުމަކަށް ޒިންމާއެއް ވެސް ނުނަގާނެ އެވެ.