ތިލަމާލެ ބްރިޖް މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ހިޔާލު ނުހޯދާތީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރުމުން އެކަމަށް ކުރީގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ފާޑުކިޔައިފި އެވެ.

ރޭ ވިލިމާލޭގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ ތިލަމާލެ ބުރިޖްގެ މަޝްރޫއު ކުރިއަށްދާއިރު ސަރުކާރުން ރައްޔިތުންގެ ހިޔާލު ނުހޯދާ ކަމަށެވެ. އަދި ކުރީގެ ކައުންސިލާ ވެސް އަދި މިހާރުގެ ކައުންސިލާ ވެސް ބްރިޖްގެ މަޝްރޫއާ ގުޅިގެން މަޝްވަރާ ކޮށްފައިވާ ނުވާ ކަމަށް މޭޔަރު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން މޭޔަރު މުއިއްޒު ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ ސަބަބުން ވިލިމާލޭގެ ސިނާއީ ސަރަހައްދު ގެއްލި އެކަމުގެ ސަބަބުން އިތުރު ކަންތައްތަކެއް ދިމާވެގެންދާނެ ކަމަށެވެ.

"ރައްޔިތުންގެ އަޑުއަހައިގެން ސަރުކާރުގެ ތަރައްގީގެ ޕްލޭން އަންނަން ޖެހޭނީ. ތިރިން މައްޗަށް ދާން ޖެހޭ އެއްޗެއް އެއީ. މަތިން ތިރިއަކަށް ނޫން ޕްލޭން އަންނަން ޖެހޭނީ. ރައްޔިތުންގެ އަޑު އަހަން ޖެހޭނީ. ރައްޔިތުންގެ އަޑު ކައުންސިލް މެދުވެރިކޮށް އަޑުއަހަން ޖެހޭނީ. ތަރައްގީގެ ޕްލޭން ނިންމަން ޖެހޭނީ ރައްޔިތުން ބޭނުންވާ ގޮތް ބަލައިގެން. ސަރުކާރެއް އުފެއްދެނީ ރައްޔިތުންގެ ކިބައިން. ރައްޔިތުންގެ ކައިރިއަށް ވޯޓް ހޯދަން އަންނަންޖެހޭ ސަބަބެއް އެހެންވެއްޖިއްޔާ ނޯންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

ސިނަމާލެ ބްރިޖުގެ މަޝްރޫއު ކުރިއަށް ގެންދިޔައިރު އެކަމުގައި އެއްވެސް އިސްކޮށް ހުންނެވި އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ދެއްކި ވާހަކަތަކަށް ރައްދު ދެއްވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާ ސަރުކާރުގެ އެހީގައި އެޅި ހުޅުމާލެ ބްރިޖުގެ މަޝްރޫއާ ގުޅޭގޮތުން އޭރު އެމްޑީޕީގެ މެޖޯރިޓީ އޮތް ސިޓީކައުންސިލާއި ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އޭނާ އާއި މިނިސްޓަރަކު ވެސް "ހޭ" ވެސް އަހާނުލާ ކަމަށެވެ.

"އެހެންވިޔަސް މަޖްލީހުގައި ވެސް އެމަޝްރޫއު ދިފާއުގައި އަޅުގަނޑު ވާހަކަ ދެއްކިން. ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ވެސް ބުރިޖް އަޅާނެ،" ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރުކަން ވެސް ކުރެއްވި މޫސާ މަނިކު ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖް މަޝްރޫއުގެ ހުރަކަށް މާލޭ ސިޓީގެ މޭޔަރު މުއިއްޒު ވެވަޑައިނުގަތުމަށް ރީކީ މޫސާ ވަނީ ގޮވާލައްވާފަ އެވެ.

މާލެއާއި ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލަން އަޅާ "ތިލަ މާލެ" ބްރިޖާއި ގުޅޭ މަސައްކަތްތައް ކުރިއަށްދާއިރު، ބްރިޖުގެ މަސައްކަތް ފަށާނެ ކަމަށް ބުނެ ސަރުކާރުން އެކި ތާރީޚުތައް ދިން ނަމަވެސް އެ މަސައްކަތުގެ އަމަލީ އެއްވެސް މަސައްކަތެއް ފެށިފައެއް ނުވެ އެވެ.

ތިލަ މާލެ ބްރިޖު އަޅަނީ އިންޑިއާއިން ދޭ 400 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.1 ބިލިއަން ރުފިޔާ) ގެ ލޯނަކުންނެވެ. އެ ލޯނު އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފަ އެވެ. އެ ފައިސާގެ ތެރެއަށް އަދި އެހީގައި 100 މިލިއަން ޑޮލަރު އިންޑިއާއިން ލައި ދެ އެވެ.