ސީރިޔާގެ ދާހިލީ ހަނގުރާމައިގައި ހަރަކާތްތެރިވަމުން ދިޔަ ދިވެއްސަކު އަނެއްކާ ވެސް މަރުވެއްޖެ އެވެ.

ސީރިއާ ހަނގުރާމައިގައި ބައިވެރިވާން ގޮސް އުޅޭ ދިވެހިންގެ މައުލޫމާތު ސޯޝަލް މީޑިއާގައި ފަތުރާ ޕޭޖަކުން ކޮށްފައިވާ ޕޯސްޓެއްގައި، ބުނެފައި ވަނީ އޭނާ މަރުވީ އިދުލީބް ދެވުނު ހަމަލާތަކެއްގައި ކަމަށެވެ.

މަރާލާފައިވާ މީހާގެ ނަމެއްގެ ގޮތުގައި މި ގްރޫޕުން ބުނެފައިވަނީ އަބޫ އަބްދުއް ރަހްމާން (އަބޫ ހަޖަރް) އެވެ. އެ މީހާއަކީ ކޮން ރަށަކަށް ނިސްބަތްވާ ކާކު ކަމެއް ސާފުވާ ގޮތެއް ނުވެ އެވެ.

މި މީހާގެ މަރާ ގުޅޭގޮތުން އިތުރު ތަފްސީލެއް މި ގްރޫޕުން ހާމަކޮށްފައެއް ނުވެ އެވެ. އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ވެސް މީނާގެ މަރާ ގުޅޭގޮތުން އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.

ސީރިއާގައި ކުރިއަށްދާ ހަނގުރާމައިގައި ބައިވެރިވުމަށް ދިވެހިންގެ ތެރެއިން މީހުންދާއިރު އެތައް ބަޔަކު އެ ހަނގުރާމައިގައި ވެސް މަރުވެފައިވެ އެވެ.

ރާއްޖޭގެ ކަމާއި ބެހޭ އިދާރާތަކުން ހާމަކޮށްފައިވާ މައުލޫމާތުތައް ބުނާ ގޮތުން ބޭރުގެ އެކި ގައުމުތަކުގައި ހިނގާ ދާހިލީ ހަނގުރާމަތަކުގައި 170 އެއްހާ ދިވެހިން ދަނީ ހަރަކާތްތެރިވަމުންނެވެ. މީގެ ތެރެއިން ގިނަ ދިވެހިންނަކީ ސީރިޔާގައި ހިނގާ ހަނގުރާމަތަކުގައި އަމަލީ ގޮތުން ބައިވެރިވަމުން އަންނަ މީހުންނެވެ. މީގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ.

ރާއްޖެއިން ބޭރުގެ ހަނގުރާމަ ތަކުގައި ބައިވެރިވަ ދިވެހިންގެ އަދަދު ގިނަ ކަމަށް އެންސީޓީސީން ބުނެފައިވާއިރު، ފަސްޖެހުމެއް ނެތި މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށް 1،400 އަށްވުރެ ގިނަ ދިވެހިން ރާއްޖޭގެ މުޖުތަމައުގެ ތެރޭގައި އުޅޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އަދި ހަރުކަށި ފިކުރުގެ މީހުން ހޯދުމުގެ ގޮތުން ދޭތެރެ ދޭތެރެ އިން ފުލުހުން ދަނީ އެކި ކަހަލަ އޮޕަރޭޝަންތައް ހިންގައި ކާމިޔާބީތަކެއް ހޯދަމުންނެވެ.

ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ސީރިޔާގެ ހަނގުރާމާގައި ބައިވެރިވުމަށް ފަހު ރާއްޖެ އައި ދިވެއްސަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ދާދި ފަހުން ގެންގޮސްފަ އެވެ.