ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމުގެ އިޝާރާތެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.
ރައީސް އޮފީހުގައިމިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެތޯ "ހުރިހާ"އިން ދެންނެވުމުން ރައީސް ސޯލިހު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އެމަނިކުފާނަށް ވެސް އެބައޮތް ކަމަށާއި އެ ފުރުސަތު ބަންދު ނުވާ ކަމަށެވެ.
އެހެން ނަމަވެސް މިހާރުގެ އަމާޒަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެފައިވާ ވައުދުތައް ފުއްދުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ގާނޫނު އަސާސީގައި އޮންނަގޮތުން ކޮންމެ މީހަކަށް ވެސް ފަސް އަހަރުގެ ދެ ދައުރަށް ކުރިމަތިލުމުގެ ފުރުސަތު އޮވޭ. އެގޮތުން ކުރިއަށް އޮތް 2023 ގައި ކުރިމަތިލުމުގެ ފުރުސަތު އަޅުގަނޑަށް ވެސް އެބައޮތް. އެ ބަންދެއް ނުވޭ. އެހެން ނަމަވެސް ކުރިން ދުވަހު ވެސް އަޅުގަނޑު ދެންނެވި ފަދައިން މިހާރުގެ އަމާޒަކީ އަޅުގަނޑުވީ ވައުދުތައް ފުއްދުމުގައި ކުރިއަށް ދިއުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ވެރިކަންކުރާ ކޯލިޝަން ރޫޅާލުމަށް އެމްޑީޕީގެ ބައެއް މެންބަރުން ފާޅުގައި ވާހަކަދައްކަވާތީ އެކަމަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ގިނަ ޕާޓީތައް ބައިވެރިވެވޭ ގޮތަށް މިހާތަނަށް ބޭއްވި އެއްވެސް އިންތިހާބެއްގައި ރައްޔިތުން އެއް ޕާޓީއަކަށް ވެރިކަން ކުރަން ފުރުސަތު ދީފައި ނުވާ ކަމަށެވެ. އެހެންވެ ރައްޔިތުން ވޯޓު ދިން ގޮތަށް ވެރިކަން ކޯލިޝަން ރޫޅުނަ ނުދީ ހިފަހައްޓަވައިގެން ވެރިކަން ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ވެރިކަންކުރުމަށްޓަކައި ކޯލިޝަން ޕާޓީތަކާ މަޝްވަރާކުރުމަކީ އެ ޕާޓީތަކުން ސަރުކާރަށް ނުފޫޒު ފޯރުވުން ނޫން ކަމަށެވެ. އެހެންކަމުން އެމްޑީޕީއާ މަޝްވަރާކުރާ ގޮތަށް ކޯލިޝަން ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޖޭޕީ، އެމްއާރްއެމް އަދި އަދާލަތު ޕާޓީއާ ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެ މަނިކުފާނު އަބަދުވެސް ހުންނަވާނީ އެމްޑީޕީގައި ކަމަށެވެ.
"އެމްޑީޕީ އުފެއްދުމަށް ސޮއިކުރި ފުރަތަަމަ 40 މީހުންގެ ތެރެއިން ދެވަނައަށް ސޮއިކުރީ ވެސް އަޅުގަނޑު. އަދި އޭގެ ކުރިން އުފައްދަން އުޅުނު ޕާޓީ 42 މީހުން ސޮއިކުރި ލިސްޓުގައި ވެސް އަޅުގަނޑުގެ ނަން އޮންނާނެ،" ރައީސް ވިދާޅުވި އެވެ
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ އެމަނިކުފާނު މިހާރު އަދާލަތު ޕާޓީއަށް ސޮއިކުރައްވާފައިވާ ފަދަ މޭރުމަކުން ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ދެއްކި ވާހަކަ އާއި ގުޅިގެންނެވެ.
އެމްޑީޕީގެ ޒުވާނުން އެމްޑީޕީގެ މުސްކުޅި ލީޑާޝިޕް ދޫކޮށްލާފަ މުޅިން އާ ޒުވާން ނިއު އެމްޑީޕީއެއް ހޯދަންވީ، މުސްކުޅި އެމްޑީޕީ އަކީ އެ30 އަހަ ރުގެ ތެ ރޭގައި އުފެދުނު ނަފުޜަތުގެ ބައިގަޑެއްނުންތޯ ؟ އެއީއަކީ ސިޔާސީ ބަޔެއްވެސް ނޫން !