ބޮލީވުޑްގެ މަޝްހޫރުތަރި ވިދްޔާ ބާލަން އޭނާގެ ކުރިއަށް އޮތް ފިލްމް "ޖަލްސާ"ގެ ޝޫޓިން ފަށައިފި އެވެ.
ވިދްޔާއަށް ބޮޑު ތަރުޙީބެއް ލިބިގެންދިޔަ ފިލްމު "ތުމާރީ ސުލޫ"ގެ ޑައިރެކްޓަރު ސްރޭޝް ތްރިވެނީ ޑައިރެކްޓްކުރާ މި ފިލްމަކީ ބުޝަން ކުމާރުގެ ޓީ ސީރީޒާއި އަބުންދަންތިއާ އެންޓަޓައިންމަންޓް ގުޅިގެން ހަދާ "ވިމެން ސެންޓްރިކް" ފިލްމެކެވެ.
މި ފިލްމުގައި ވިދްޔާއާއެކު ފެނިގެންދާނީ 2019 ވަނަ އަހަރު ނެޓްފްލިކްސްއިން ދެއްކި "ދިއްލީ ކްރައިމް"ގެ ތަރި ޝެފާލީ ޝާހާ އެވެ. މިއީ މި ދެ ފަންނާނުން އެކީގައި ފެންނަ ފުރަތަމަ ފިލްމެވެ.
މި ފިލްމާ ބެހޭގޮތުން ވާހަކަ ދައްކަމުން ސްރޭޝް ބުނެފައި ވަނީ މިއީ ވަރަށް ޝައުގުވެރި ފިލްމަކަށްވާނެ ކަމަށެވެ. އަދި ބެލުންތެރިން ގަޔާވާކަހަލަ ތަފާތު ރީތި މޮޅެތި ފިލްމުތައް ގެނެސްދިނުމަކީ މަގްސަދު ކަމަށް ސްރޭޝް ބުންޏެވެ.
ވަކި ތާރީހެއް އިއުލާން ނުކުރި ނަމަވެސް ފިލްމް ވަނީ އަންނަ އަހަރަށް އެޅުވުމަށް ތާވަލްކޮށްފަ އެވެ.
ވިދްޔާގެ އެންމެ ފަހުގެ ފިލްމަކީ ޖޫންގައި އެމޭޒަން ޕްރައިމް ވީޑިއޯއިން ޕްރިމިއާކުރި "ޝޭރްނީ" އެވެ.
ޝެފާލީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަޔޫޝް މާން ކުރާނާއާއެކު ފެންނަ "ޑޮކްޓަރު ޖީ" އަދި އަލިއާ ބަޓްއާއެކު ފެންނަ "ޑާލިންސް" ހިމެނެ އެވެ.