ބޭނުން ކޮށްފައިވާ ސެކަންޑް ހޭންޑް މުދަލަކާއެކު އަގުހުރި ޚަޒާނާއެއް ލިބުމަށް އުއްމީދު ކުރާނީ ކާކު ހެއްޔެވެ؟ އެއީ ކިހާ އާއްމުކޮށް ވެދާނެ ކަމެއް ހެއްޔެވެ؟

ނަމަވެސް އުތުރު ކޮރެއާއަށް ނިސްބަތްވާ މީހަކަށް މިއޮތީ އެކަން ދިމާވެފަ އެވެ. އޮންލައިން ކޮށް އޭނާ ގަތް ބޭނުންކޮށްފައިވާ އައިސް އަލަމާރީގެ ފުލުގައި ތަތްކޮށްފައި ހުރީ އެތައް ހާސް ޑޮލަރެއްގެ އަގަށްވާ ކޮރެއާ ފައިސާ އެވެ.

ނޫސް ރިޕޯޓުތައް ބުނާ ގޮތުގައި އޮންލައިން ކޮށް ގަތް އެ އަނިސް އަލަމާރީގެ ފުލުގައި ގާތްގަނޑަކަށް 130،000 ޑޮލަރުގެ އަގަށްވާ ފައިސާ ތަތް ކޮށްފައި ހުއްޓެވެ. މިއީ ކޮން ފައިސާއެއް ކަމެއް އަދި ގަތް އައިސް އަލަމާރިއާއެކު އެހާ ގިނަ ފައިސާ ލިބޭނެ ކަމަކަށް އެ މީހާ ހިއެއް ނުކުރެ އެވެ.

ފައިސާތައް ފެނުމާއެކު ޖޭޖޫ އައިލެންޑަށް ނިސްބަތްވާ އެ މީހާ ވަނީ އޭގެ ހައްގުވެރިޔަކު ހޯދުމަށްޓަކައި ފުލުހަށް ރިޕޯޓުކޮށްފަ އެވެ. އެ ސަރަހައްދުގެ ފުލުހުން ބުނި ގޮތުގައި އޮގަސްޓް މަހުގެ ހަ ވަނަ ދުވަހު ވެރިޔަކު ނޭނގޭ ގިނަ އަދަދެއްގެ ފައިސާ ފެނިގެން މީހަކު ރިޕޯޓުކޮށްފައިވާ ކަމެށެވެ.

ފެނުނު ފައިސާތައް ހުރީ އެތެރެ ފެންނަ ކޮތަޅުތަކެއްގައި ބަންދުކޮށް އައިސް އަލަމާރީގެ ފުލުގައި ތަތްކޮށްފައި ކަމަށް ފުލުހުންނާ ހަވާލާދީ އުތުރު ކޮރެެއާގެ ނޫސްތަކުން ބުނެފައިވެ އެވެ.

އައިސް އަލަމާރިއާއެކު ލިބުނު ފައިސާތައް އެމީހާ ފުލުހުންނާ ހަވާލުކުރި ނަމަވެސް އެ ފައިސާތައް އޭނާއަށް ލިބުމުގެ ފުރުސަތު އަދިވެސް އެބަ އޮތެވެ. އެ ފައިސާގެ ވެރި ފަރާތެއް ނުފެނިއްޖެނަމަ ޓެކްސް ކެނޑުމަށްފަހު ހުރިހާ ފައިސާއެއް އޭނާއަށް މިލްކުވާނެ އެވެ. އަދި ވެރިއަކު ފެނުނު ނަމަވެސް ފައިސާގެ ވަކި މިންވަރެއް އޭނާއަށް ލިބިގެންދާނެ އެވެ.

ތެދުވެރިކަމާއި އަމާނާތްތެރިކަން މަދުން ނޫނީ ނުފެންނަ މި ޒަމާނުގައި އެމީހާ ކަންކުރި ގޮތަށް ގިނަ ބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ.