ތަފާސްހިސާބުގެ ގާނޫނުގެ ދަށުން އުފެއްދި މިނިވަން މުއައްސަސާއެއް ކަމަށްވާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަނުގެ މަގާމަށް ބޭފުޅަކު ހައްޔަރުކޮށްފި އެވެ.

މި މަގާމަށް އައްޔަންކުރެއްވީ ތަފާސްހިސާބުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށްވާ އައިޝަތު ހަސަން އެވެ.

އައިޝަތު ވަނީ އިކޮނޮމެޓްރިކްސް އިން މާސްޓާސް އަދި އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް އިން ބެޗެލާސް ޑިގްރީ ހާސިލްކުރައްވައިފަ އެވެ.

ގާނޫނުގައިވާ ގޮތުން، ޗީފް ސްޓެޓިސްޓީޝަނުގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. މި މަގާމަށް އައްޔަންކުރައްވަން ޖެހޭނީ، މަގާމަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާންކޮށްގެން ހޮވޭ ބޭފުޅެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ މި އިދާރާގެ އެންމެ އިސްވެރިއެއް ކަމަށް ގާނޫނުގައި ބުނެފައި ވަނީ ޗީފް ސްޓެޓިސްޓީޝަނެވެ.

އެ ގާނޫނަށް އަމަލު ކުރަން ފަށާތާ މަސް ދުވަސް ތެރޭގައި ޗީފް ސްޓެޓިސްޓީޝަން ހިމެނޭ ގޮތަށް އެ ކައުންސިލަށް އައްޔަން ކުރަން ޖެހޭ ހުރިހާ މެންބަރުން އައްޔަންކޮށް އެ ކައުންސިލް އެކުލަވާ ނިންމަން ޖެހޭނެ ކަމަށް ބަޔާން ކޮށްފައިވެ އެވެ.

ތަފާސްހިސާބާ ބެހޭ ޤާނޫނަކީ ޖުލައި މަހުގެ 8 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނެކެވެ. އަދި އެ ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައި އެ އަށް އަމަލުކުރަން ފަށާފައި ވަނީ ޖުލައި މަހުގެ 20 ވަނަ ދުވަހުގަ އެވެ.

މި ގާނޫނުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ތަރައްގީކުރުމާއި ގައުމުގެ އިގުތިސާދީ އިޖްތިމާއީ އަދި ތިމާވެށީގެ ހާލަތު އަންގައިދޭ މުހިންމު ތަފާސްހިސާބު ގައުމީ ފެންވަރުގައި އެއްކޮށް، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އިތުބާރުހުރި ގޮތެއްގައި، އެއްހަމައެއްގައި ފޯރުކޮށްދިން ކަމަށް ބުނެފައިވެ އެވެ.