ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލާ ހުށަހަޅާ ޕެޓިޝަނަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވަކި ގޮތަކަށް ވޯޓު ހޯދުމަށް ވަކި މަގުސަދެއްގައި ކުރާ ކަމެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސަ މަނިކު ތުހުމަތު ކުރައްވައިފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ ބަރުލަމާނީ ޕެޓިޝަނާ ބެހޭ ގޮތުން ކުރެއްވި ޓުވީޓެއްގައި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ ވިދާޅުވީ މިޕެޓިޝަނަކީ އެމްޑީޕީގެ ކުރިއަށް އޮތް ގައުމީ މަޖިލީހުގެ އިންތިހާބު އޮޅުވާލުމަށް ބަޔަކު އަޑީގައި ތިބެގެން ކުރާ ކަމެއް ކަމަށެވެ.

މި ޕެޓިޝަންގައި ގިނަ ބަޔަކު ސޮއި ނުކުރިޔަސް، ނިމޭއިރު މީގައި އާބާދީގެ ބޮޑު އިންސައްތައެއް ސޮއިކޮށްފައިވާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވި ގޮތުގައި މި ޕެޓިޝަންގެ އަމާޒަކީ ބަރުލަމާނީ ނިޒާމު ނޫން ކަމަށާއި، މިއީ ގައުމީ މަޖިލީހުގެ ވޯޓު ހޯދުމަށްޓަކައި ވަކި ގޮތަކަށް ކުރެވޭ ކަމެއް ކަމަށެވެ.

"ބަރުލަމާނީއޭ ކިޔައިގެން އޮޅުވާ ނުލާ، އެމްޑީޕީގެ ގައުމީ މަޖްލީހުގެ މެމަބަރުން އިންތިޚާބުކުރާ ވޯޓުލާ މީހުނަށް ވަކިމަންޒަރެއް ދައްކަން ކުރާ ކަމެއްކަމަށް ބުނީމަ މަންޒަރު ސާފުވީނު، ތިޔަ ޕެޓިޝަނެއްގަ ސޮއެ ނުކުރިޔަސް އާބާދީގެ ބޮޑު އަދަދެއްގެ ސޮއެ ތީގަ އޮންނާނެ. ތިކަން ހިނގާނެގޮތް އެނގޭ،" މޫސަ ވިދާޅުވި އެވެ.

އޭނާ މިފަދައިން ތުހުމަތު ކުރެއްވި އިރު އެމްޑީޕީގެ ރައީސް ނަޝީދު ވަނީ އެޕާޓީގެ ގައުމީ މަޖިލީހަށް ކުރިމަތިލީ ކެނޑިޑޭޓުންގެ ތެރެއިން އެމަނިކުފާނު ތާއީދު ކުރައްވާނީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ކެނޑިޑޭޓުންނަށް ކަމަށް އިއުލާނު ކުރައްވާފަ އެވެ.

ބަރުލަމާނީ ނިޒާމު ގެނައުމަށްޓަކައި ރައީސަށް ހުށަހަޅާ ޕެޓިޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މި ޕެޓިޝަންގައި ވީހާ ވެސް ގިނަ ބަޔަކު ސޮއިކުރުމަށް ރައީސް ނަޝީދު ވަނީ އެމްޑީޕީ ގައުމީ މަޖިލީހުގެ ގްރޫޕްގައި ވެސް އެދިވަޑައިގެންފަ އެވެ.

އެހެން ނަމަވެސް ރައީސް ނަޝީދު އެކަމަށް އެދިވަޑައިގެންފައި ވީނަމަވެސް އެ ޕެޓިޝަނަށް ލިބެމުން އަންނަނީ ފިނި ތަރުހީބެކެވެ. މިހާތަނަށް އައިރު އެޕެޓިޝަނުގައި އެމްޑީޕީ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ސޮއި ކުރެއްވީ އެންމެ 8 މެމްބަރުންނެވެ.

އެމްޑީޕީގެ އެތެރޭގެ މިފަދަ ކަންކަމުގައި މަޖިލިސް މެންބަރުންނަކީ އެންމެ އިސް ސަފުގައި މަސައްކަތްކުރައްވާ ފަރާތްތަކެވެ. ނަމަވެސް، މިކަމުގައި، މިހާތަނަށް މަޖިލިސް މެންބަރުން ސޮއި ކުރައްވާފައިވާ އަދަދު މަދުވުމުން ބައެއް ފަރާތްތަކުން އަންނަނީ އެކަން ފާހަގަ ކުރަމުންނެވެ.

މި ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއި ކުރުމަށް ރައީސް ނަޝީދު އިއްޔެ ވަނީ ގޮވާލައްވާފަ އެވެ. އަދި މިއީ ހަމައެކަނި އެމްޑީޕީގެ ވޯޓެއް ނޫންކަމަށް ވިދާޅުވެ ޕެޓިޝަންގައި ގިނަ ބަޔަކު ސޮއި ކުރުމަށް އެމަނިކުފާނު ގެންދަވަނީ ހިތްވަރު ދެއްވަމުންނެވެ.

އެހެން ނަމަވެސް ރައީސް ނަޝީދަށް ވަފާތެރި އެމްޑީޕީ މެމްބަރުން ފިޔަވައި އިތުރު ބަޔަކު މިޕެޓިޝަނުގައި ސޮއި ކޮށްފައިނުވާކަން ވެސް ފާހަގަ ކޮށްލެވެ އެވެ. އަދި ސޯޝަލް މީޑިއާގައި ބަރުލަމާނީއަށް ތާއީދުކޮށް މިހާތަނަށް ސޫއުރު ފާޅުކޮށްފައިވަނީވެސް ރައީސް ނަޝީދުގެ ވަފާތެރި އެމްޑީޕީ މެމްބަރުން އެކަންޏެވެ.