އެއީ 1980 އާއި 1990ގެ އަހަރުތަކުގައި ވެސް ދިވެހި ސިނަމާތަކާއި ގޭގެ ސިޓިން ރޫމްތައް ފަޅުފިލުވައިދިން ކުޅަދާނަ އެކްޓަރެކެވެ. އެ ހުނަރު އޭނާ އަދާކުރި ކޮންމެ ރޯލަކުން ވެސް ވަރަށް ފުރިހަމައަށް ފެނިގެންދެ އެވެ. އެއީ ބޮޑުތަކުރުފާނު ވާހަކާގައި އުޅޭ ވިޔަޒޯރުގެ ރޯލުން ވިޔަސް ވަރިހަމަ އެވެ.
ބަލި އެނދުގައި ގިނަ ދުވަސްތަކެއްވަންދެން އޮތުމަށްފަހު، އުމުރުން 81 އަހަރުގައި ޗިޅިޔާ މޫސާ މަނިކު ރޭގެ ވަގުތެއްގައި ވަނީ ނިއާވެފަ އެވެ.
އޭނާ ނިއާވުމުގެ ހިތާމާގައި ދިވެހި ގިނަ ފަންނާނުންތަކެއް ދަނީ އެކިއެކި ޝުއޫރުތައް ފާޅުކުރަމުންނެވެ.
ޗިޅިޔާ އަކީ ދިވެހި ފިލްމީ ދާއިރާއަށް އަގުނުކުރެވޭފަދަ ގިނަ ޚިދުމަތްތަކެއް ކުރައްވާ، އެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހާސިލްކޮށްފައިވާ ފަންނާނެކެވެ. އަދި އޭނާ ވަކިވެގެންދިއުމަކީ ދިވެހި ފިލްމީ ދާއިރާއަށް ލިބިގެން ދިޔަ ފަޅުކަމެއް ކަމަށް ގިނަ ބަޔަކު ސިފަކުރެ އެވެ.
ޗިޅިޔާއަކީ ރާއްޖޭގެ ތަމްސީލު ކުޅުމުގެ ދާއިރާގައާއި، ދިވެހި ފިލްމީ ދާއިރާގައި އާ ނަމަކަށް ނުވާނެ އެވެ. ފިލްމީ ދާއިރާގައި އޭނާ އަދާކުރި ހިއްސާ ވަރަށް ބޮޑެވެ. މިހާރު ދިވެހި ފިލްމީ ދާއިރާއަށް އައިސްފައިވާ ކުރިއެރުމުގެ ފަހަތުގައި ވެސް ޗިޅިޔާގެ ހިއްސާއެއްވާނެ ކަމާމެދުގައި އެއްވެސް މީހަކު ދެކޮޅެއް ނަހަދާނެ އެވެ. ދިވެހި ފިލްމީ ދާއިރާގައި މިހާރު ހަރަކާތެރިވަމުން އަންނަ ގިނަ ފަންނާނުން އެދުރެއްގެ ގޮތުގައި އެންމެ ކުރީ ސަފުގައި ހުރި މީހަކީ ވެސް ޗިޅިޔާ އެވެ.
އެކްޓްކުރުމުގެ އިތުރުން ޗިޅިޔާއަކީ، ވަރަށް ފަންނުވެރި އަދި މަޝްހޫރު ކުރެހުންތެރިއެއް ވެސް މެ އެވެ. އެގޮތުން ޗިޅިޔާ އަކީ 1970ގެ އަހަރުތަކުގައި ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އެއް ކުރެހުންތެރިޔާ އެވެ.
އޭރު ނުކުތް ނޫސް މަޖައްލާތަކަށް ބޭނުންވާ ކުރެހުންތަކާއި އޭރުގެ ވާހަކަ ފޮތްތަކުގެ ބޭރުގަނޑުގެ ތަސްވީރުތައް އޭނާ ކުރަހާފައިވެ ވެސް އެވެ. އަދި ސިޔާސީ އެތައް ކާޓޫނެއް ވެސް ޗިޅިޔާ ކުރެހި އެވެ.
މުނިފޫހިފިލުމުގެ ދާއިރާ އަށް ޗިޅިޔާ މޫސާ މަނިކު ތައާރަފްވީ މަޖީދިއްޔާ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 1977 ވަނަ އަހަރު ބޭއްވި ގޯލްޑަން ޖުބިލީ ކާނިވަލުގެ ސްޓޭޖް ޝޯތަކުގައި ތަމްސީލް ކުޅޭ މީހެއްގެ ގޮތުގަ އެވެ. އޭގެ ފަހުން 1982 ވަނަ އަހަރު ޓީވީއެމުން އުފެއްދި ބޮޑުތަކުރުފާނު ފިލްމުގައި ޕޯޗުގީޒުންގެ ލަޝްކަރުގެ ވެރިޔާ "ވިޔަޒޯރު"ގެ ރޯލް އަދާކޮށް އެތައް ބަޔެއްގެ ސަމާލުކަން ހޯއްދި އެވެ.
ތަމްސީލު ކުޅުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު، 1983 ވަނަ އަހަރު ސަރުކާރުން އޭނާއަށްވަނީ ދެއްވާފަ އެވެ.
ފިލްމީ ދާއިރާގައި ހަރަކާތްތެރިވާން ފެށިފަހުން ޗިޅިޔާ ވަނީ ފަހަކާ ޖެހެންދެން ހަރަކާތްތެރިވެ، 50 އަށް ވުރެ ގިނަ ފިލްމާއި 30 އަށް ވުރެ ގިނަ ޑްރާމާ ކުޅެފަ އެވެ.
ޗިޅިޔާ އަކީ މޮޅު ވާހަކަ ލިޔުންތެރިއެއް ވެސް މެވެ. އޭނާ ވަނީ ފިލްމް "ހަގު އަނބި" އިން 1996 ވަނަ އަހަރުގެ "އާފަތިސް" އެވޯޑްސްގައި ބެސްޓް ސަޕޯޓިން އެކްޓަރުގެ މަގާމް ހޯދައިފަ އެވެ. ފިލްމް ސްކްރިޕްޓް ލިއުމުގެ މަސައްކަތް ވެސް ކުރި ޗިޅިޔާ ވަނީ "އާފަތިސް" އެވޯޑްސްގައި 1995 ވަނަ އަހަރު "ޒަހަމް" ފިލްމުން އެންމެ މޮޅު ވާހަކަ އާއި އެންމެ މޮޅު ޑައިލޮގްގެ އެވޯޑް ހާސިލްކޮށްފަ އެވެ. އެ ދާއިރާ އަށް އޭނާ ކޮށްދިން ހިދުމަތްތަކުގެ އަގުވަޒަންކޮށް "މިއަދު" ކްރިސްޓަލް އެވޯޑްސްގައި 2008 ވަނަ އަހަރު އޭނާއަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑެއް ވެސް ދީފައިވެ އެވެ.
އޭނާގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ސިޓީ"، "ދެވަނަ އަނބި"، "ޒަހަމް"، "ހިފެހެއްޓުމެއް ނެތް ކަރުނަ"، "ހީލަތް"، "ޒަލްޒަލާ"، "އެދި އެދި ހޯދީމޭ" އަދި "ޔޫސުފް" ހިމެނެ އެވެ. ޑްރާމާތަކުން އެންމެ ފާހަގަކުރެވެނީ "ކައްތިރި" އަދި "ތިޔޭ މިހިތުގެ ވިންދަކީ" އެވެ. ރާއްޖޭގައި މިހާތަނަށް އުފެއްދި އެންމެ މަގުބޫލު އެއް ސިލްސިލާ ކަމަށްވާ "ކައްތިރި" ޑްރާމާ ލިޔުމުގައި ވެސް އޭނާ ބައިވެރިވި އެވެ.
މޫސާ މަނިކު ވަނީ ވޮއިސް އެކްޓަރެއްގެ ގޮތުން "މުހައްމަދު ރަސޫލުﷲ" ސިލްސިލާއަށް ވެސް އަޑު އަޅައިފަ އެވެ.
މޫސާ މަނިކު ވަނީ ކުޑަކުދިންނަށް ހާއްސަކޮށްގެން "ތިން ހަދިޔާ"ގެ ނަމުގައި ފޮތެއް ވެސް ނެރުއްވައިފަ އެވެ. ކުޑަކުދިން ކިޔާހިތްވާ ކަހަލަ ފޮތެއް ސަރުކާރު ގަބޫލުކުރައްވާ ފެންވަރަކަށް ދިވެހިބަހުން އެކުލަވައިލެއްވުން ސަރުކާރުންދޭ ހާއްސަ އިނާމް 2000 ވަނަ އަހަރު އޭނާ އަށް ލިބިފައިވެ އެވެ. އަދި ފިލްމާއި ތަމްސީލުކުޅުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމެއް ވެސް 2009 ވަނަ އަހަރު ވަނީ ޗިޅިޔާއަށް ލިބިފަ އެވެ.
ޗިޅިޔާ ނިއާވުމުން ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނާނުންގެ އިތުރުން އާއްމުންގެ ގިނަ ބަޔަކު ވެސް އަންނަނީ މުޅި ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާއަށް ހެޔޮ ދުއާ ކުރަމުންނެވެ. ގެއްލިގެން އެ ދިޔައީ ވަރުގަދަ ހަރުދަނާ ޝަހުސިއްޔަތެކެވެ. ފަންނުވެރި އެކެވެ. މޮޅު އެކްޓަރެކެވެ. މޮޅު ކުރުހުންތެރިއެކެވެ. މޮޅު ވާހަކަ ލިޔުންތެރިއެކެވެ.