ސިފައިންގެ މީހަކަށް ވުމާއެކު، މަސައްކަތް ކުރަންވީ، ގައުމީ ބަތަލުންނާ އެއްހަމައެއްގައި ތިމާގެ ނަން ފެވިގެންދާނެ ފަދަ ޚިދުމަތްތަކެއް ގައުމަށް ކޮށްދިނުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ދިވެހި ސިފައިންގެ 67 ވަނަ އަސާސީ ތަމްރީނު ފުރިހަމަކުރި ސިފައިންގެ ހުވާކުރުމާއި ބަޑިހަވާލުކުމުގެ ގޮތުން މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިފައިންގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ، ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދިފާއުކުރުމާއި، ގާނޫނުއަސާސީއާއި ރާއްޖޭގެ ރައްޔިތުންނާއި އަދި ގާނޫނީ ވެރިކަމަށް ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކުން ގާނޫނީ ވެރިކަން ޙިމާޔަތްކޮށްދިނުން ކަމަށެވެ.

އަދި މާތްވެގެންވާ އިސްލާމް ދީނާއި، ގައުމުގެ މިނިވަންކަމާއި އަމަންއަމާންކަން ރައްކާތެރިކުރުމަށް ވުރެ، އިސްކަންދެވޭ އެހެން ކަމެއް، ސިފައިންގެ ހިތްތަކުގައި އޮވެގެން ނުވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި ދުވަސްވަރަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާތައް ފަދަ އެތައް ގޮންޖެހުންތަކެއް ސަރަޙައްދީ ފެންވަރުގަޔާއި ބައިނަލްއަޤުވާމީ ފެންވަރުގައި ކުރިމަތިވަމުން އަންނަ ދުވަސްވަރެއްކަން ފާހަގަކުރައްވައި އެފަދަ ގޮންޖެހުންތަކަށް ސިފައިން ހޭލުންތެރިވެ، އެގޮންޖެހުންތަކާ ކުރިމަތިލާން ތައްޔާރުވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަލާމަތީ ޚިދުމަތްތަކުގެ މެދުގައި ގުޅިގެން މަސައްކަތްކޮށް، އިންޓެލިޖެންސް މައުލޫތު ހިއްސާ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން، ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް މަޢުލޫމާތު ހިއްސާކުރުމުގެ އޮނިގަނޑު، މިމަހުގެ 17 ވަނަ ދުވަހު އެކުލަވާލައި، މައުލޫމާތު ހިއްސާކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާކަމުގައި ވިދާޅުވިއެވެ.

އޭގެ އިތުރުން، އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް، ކަމާގުޅޭ އިދާރާތައް ގުޅިގެން ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް އިތުރަށް ހަރުދަނާވުމުން، ޓެރަރިޒަމްގެ ނުރައްކާތައް މިހާރަށް ވުރެ ރަނގަޅަށް ވަޒަންކުރެވި، އެފަދަ ކަންކަމާ ކުރިމަތިލުމުގެ ގާބިލްކަން، ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުގައި އިތުރުވެގެންދާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސިފައިންގެ ޚިދުމަތާ އަލަށް ގުޅިވަޑައިގެންނެވި ސިފައިންނާ މުޚާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ގާނޫނުއަސާސީ އާއި ދިވެހި ސިފައިންގެ ގާނޫނާއި ސިފައިންގެ ތެރޭގައި އަމަލުކުރަމުން އަންނަ އެންމެހައި ގަވާއިދުތަކާއި އުސޫލުތަކާއި ސުލޫކީ މިންގަނޑުތަކާ އެއްގޮތަށް، ސިޔާސީ ނުފޫޒުން އެއްކިބާވެ ސިފަވަންތަ ބައެއްގެ ގޮތުގައި ގައުމަށް ޚިދުމަތްކުރުމުގައި ދެމިތިއްބެވުމަށް ސިފައިންނަށް އިލްތިމާސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، ސިފައިންނަކީ ހިތްވަރާއި ސާބިތުކަމާ އެކުގައި، ދީނާއި ގައުމު ދިފާއުކުރުމުގައި ދެމިތިބޭ އަދި އެމީހުންގެ ޢާއިލާތަކަށާއި ދިވެހި ގައުމަށް ރީތި ނަން ހޯދައިދޭ ބަޔެއްގެ ގޮތުގައި ދެމިތިއްބެވުމަށް ގޮވާލައްވަމުންނެވެ.

ކަޅުތުއްކަލާކޮށީގައި މިރޭ ބޭއްވި މި ރަސްމިއްޔާތުގައި ސިފައިންގެ 67 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް ސިފައިންގެ ޚިދުމަތާ އަލަށް ގުޅުނު ސިފައިންނަށް ބަޑި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އަދި ސިފައިންގެ ޚިދުމަތާ އަލަށް ގުޅުނު މި ސިފައިންގެ ބޭފުޅުންނަށް ހުވައިލައިދެއްވީ ސިވިލްކޯޓުގެ ގާޒީ އަލީ ނަސީރެވެ.