ފަޅޮލަކީ މޭވާގެ ތެރެއިން ރާއްޖޭގައި ވެސް އެންމެ އާންމު އެއް ބާވަތެވެ. ފަސޭހައިން ހެދޭ، ގިނަ ފައިދާތަކެއް ލިއްބައިދޭ ވެސް އެއްޗެކެވެ. ނަމަވެސް މައިގަނޑު ގޮތެއްގައި ފަޅޯ ދިވެހިން ބޭނުންކުރަނީ ކެއުމަށެވެ.

ހާއްސަކޮށް ބަޑު ހަރުވެ، ބޮޑުކަމުދާން އުނދަގޫވާނަމަ އެންމެ ފުރަތަމަ ފަރުވާއަކަށް ވެފައި އޮންނަނީ ރަނގަޅަށް ދޮންވެފައި ހުންނަ ފަޅޮލެއް ކެއުމެވެ.

ނަމަވެސް ފަޅޮލަކީ އޭގައި އެކުލެވޭ ގުދުރަތީ މާއްދާތަކުގެ ސަބަބުން މޫނުގެ އޮމާން ހަމަށާއި ސިއްހަތު ރަނގަޅު އިސްތަށިގަނޑައް ހޯދުމަށް ވެސް މުހިންމު އެއްޗެކެވެ. މިއީ ފަޅޮލުން މޫނަށާއި އިސްތަށިގަނޑަށް ދެވޭނެ ފަރުވާއެކެވެ.

ހިކިފައި އަދި ހަލާކުވެފައި ހުންނަ އިސްތަށްޓަށް ފަޅޮލަކީ ފަރުވާއެކެވެ. މީގެ އިތުރަށް ފަޅޮލާއި ދޮންކެޔޮ އެއްވުމުން ދޮންކޭލުގައި ހުންނަ ޕޮޓޭޝިއަމާއި ވިޓަމިންގެ އެހީގައި އިސްތަށިގަނޑު ހައިޑްރޭޓްކޮށް ބާއްވައި ދެ އެވެ. މީގެ ތެރެއަށް އޮލީވް އޮއިލް އެއްވުމުން އޭގައި އެކުލެވޭ ފެޓްސްގެ އެހީގައި އިސްތަށިގަނޑު ދުޅަހެޔޮކޮށް ހެދިބޮޑުވެ އެވެ.

ފަޅޮލަކީ އިސްތަށިގަނޑުވެސް ރީތިކޮށް ބެހެއްޓުމަށް އެހީތެރިވާ އެއްޗެއް

ފަޅޮލުން އިސްތަށިގަނޑަށް މާސްކް ތައްޔާރުކުރުމަށް ފަޅޮލެއްގެ ދެބައިކުޅަ އެއްބައި، ދެ ވައް ދޮންކޭލާއެކު ރަނގަޅަށް މިކްޗަރުން ގިރާލާށެވެ. މީގެ ތެރެއަށް ބައިޖޯޑު އޮލިވް އޮއިލް އާއި ދެ ސަމުސާ މާމުއި އެއްކޮށްލުމުން ހެއާ މާސްކެއް ތައްޔާރުވީ އެވެ.

ތައްޔާރުކުރި މި ހެއާ މާސްކް އިސްތަށިގަނޑުގައި އުނގުޅާލުމަށްފަހު 45 މިނިޓާއި އެއް ގަޑިއިރާ ދެމެދުގެ ވަގުތަކަށް ބެހެއްޓުމަށްފަހު އެހާ ބާރުގަދަ ނޫން ޝޭމްޕޫއެއް ބޭނުންކޮށްގެން ދޮވެލާށެވެ. އިސްތަށިގަނޑުގައި ހެއާ މާސްކް އުނގުޅާފައި ބާއްވާ ވަގުތު ހޫނު ތުވާއްޔަކުން ބޯ ނިވާކޮށްލާފައި ބޭއްވުމުން މީގެ އަސަރު ބޮޑަށް ކުރާނެ އެވެ.

ފަޅޮލަކީ ޕޮޓޭޝިއަމް އެކުލެވޭ މޭވާއެކެވެ. މި މާއްދާގެ އެހީގައި ހަން ހިކުމާއި ކުރަކިވުމުން ދުރުކޮށްދީ ހަމަށް އޮމާންކަމާއި އަލިކަން ގެނެސްދެ އެވެ. އަދި މާމުޔާއެކުވުމުން މިއީ ވަރަށް ވެސް ފައިދާހުރި ގުދުރަތީ ކްލެންސާއެއް އަދި މޮއިސްޗަރައިސާއެކެވެ. ހަންގަޑުން އޮށާޅަފިލުވާލަ ދެ އެވެ. އެހެންކަމުން ފަޅޮލާއި މާމުއި އެއްވުމުން ހަންގަޑަށް ބޭނުންވާ ހުރިހާ ފަރުވާއެއް އެކުގައި ގާތްގަނޑަކަށް ލިބުނީ އެވެ.

ފަޅޮލުން ފޭސް މާސްކް ހެދުމަށް ފަޅޮލެއްގެ ދެބައިކުޅަ އެއްބައި ޗަސްކޮށްލައި، ދެ ސަމުސާ މާމުއި އެއްކޮށް ރަނގަޅަށް އޮމާން ޕޭސްޓް ގަނޑަކަށް ވަންދެން އެއްކޮށްލާށެވެ. މޫނާއި ކަރުގައި މި ޕޭސްޓް އުނގުޅާލުމަށްފަހު 15 މިނިޓް ފަހުން ދޮވެލާށެވެ. އަދި މަޑުމަޑުން މޫނު ހިއްކާލާށެވެ.