ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އިންޑިއާއާ ގުޅުން ބަދަހިކޮށް ކިތަންމެ އެހީތެރިކަމެއް ރާއްޖެ އަށް ފޯރުކޮށްދިން ނަމަވެސް އިންޑިއާ އިން ރާއްޖެ އަށް އަތްގަދަ ކުރަން ނޫޅޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ނެރޭ ޚަބަރު ސިޓީ އަށް "ތިޔަ ފަރިހި ބާވެއްޖެ" ނަމުގައި ލިއުއްވި ލިއުމުގައި އާޒިމް ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ދިވެހިންނަށާއި ދިވެހި ސަރުކާރަށް ފަހި ސިޔާސަތުތަކެއް ގެންގުޅެމުންދާ ގައުމެއް ކަމަށެވެ. އެއީ އަލަށް ވާން ފެށި ކަމެއް ނޫން ކަމަށް އާޒިމް ފާހަގަ ކުރެއްވި އެވެ.

"ދިވެހިންނަށް ބޮޑު ކަމެއް ދިމާވާ ކޮންމެ ފަހަރަކު އިންޑިއާ އޮންނަނީ އަބަދުވެސް ތައްޔާރަށެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު ގާއިމްވެފައިވާ ގުޅުން ހީނަރުވެގެން ދިޔައީ މިއަދު އިންޑިއާ އައުޓް ކުރަން ގޮވާ ފަރާތްތަކުން ސަރުކާރާ ހަވާލުވެ ތިބިއިރު، ވަކި ގައުމަކަށް ރާއްޖޭގެ ހާރިޖީ ސިޔާސަތު އެއްކޮށް ބަރޯސާކޮށް އެ ގައުމުގެ ގޮނޑިކޮއްކޮއަކަށްވި ހިސާބުންނެވެ،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެ އާއި ޗައިނާއާ ދެމެދު އުފެދުނު ގާތް ގުޅުމަށް އިޝާރާތް ކުރައްވައި އަދި އެކަމަށް ފާޑު ކިޔުއްވައި އާޒިމް ލިޔުއްވި އެވެ.

ޗައިނާގެ ނަން ނުގެންނަވައި އާޒިމް ވިދާޅުވީ އެ ގައުމުން އިންތިހާ އަށް ބޮޑެތި އިންޓަރެސްޓް ރޭޓުގައި ތަރައްގީގެ މަޝްރޫއުތަކުން ލޯން ނެގިއެވެ. އަދި ވިސްނުމެއް، ބެލުމެއް އަދި މަޝްވަރާ ކުރުމެއް ނެތި ދޮޅުހާސް ގަނޑުގެ ފްރީ ޓްރޭޑް އެގްރީމަންޓެއް އެކުލަވާލި ކަމަށް އާޒިމް ވިދާޅުވި އެވެ.

"ހޮޅުއަށިތަކުގައި ދައްކާ ވާހަކަތަކުން އެނގޭ ގޮތުގައި މި ދެންނެވި ބޮޑެތި ލޯންތައް ނަގާފައި ވަނީ ސޮވެރިން ގެރެންޓީއެއް ދިނުމުގެ އިތުރުން ދައުލަތުގެ އިމާރާތްތައް ވެސް މޯގޭޖްކޮށްފައެވެ. ދިވެހި ދިދަ މޯގޭޖްނުކޮށް އޮތިއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ،" އާޒިމް ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން އަވަށްޓެރި އިންޑިއާގެ ސަރުކާރާއި ދިވެހި ސަރުކާރަށް ތުހުމަތުކޮށް ދައްކަމުންދާ އަސާސެއް ނެތް ވާހަކަތައް ދިވެހިން މިއަދު ގަބޫލު ނުކުރާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އިންޑިއާއާ ގުޅުން ބަދަހިކޮށް އެ ގައުމުން އެތައް އެހީއެއް ރާއްޖެއަށް ދިން ނަމަވެސް، ދެ ގައުމުގެ ސަރުކާރުން ވެސް ރާއްޖޭގެ މިނިވަން ކަމަށް އަސަރު ކުރާ ގޮތަށް އަމަލު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޑިއާ އިން ރާއްޖެއަށް އަތްގަދަ ކުރާކަށް ނޫޅެއެވެ. އުޅެންވީ ސަބަބެއް ވެސް ނުމެ ނެތެވެ. މިލިޓަރީ ބޭސް ހަދާކަށް ނޫޅެއެވެ. ރާއްޖެ ހިފާކަށް ވެސް ނުމެއުޅެމެވެ. އެ ފުރުސަތު ދީގެން ބަލާކަށް ދުނިޔޭގެ އެހެން ގައުމުތަކަށް ނުވެސް ތިބެވޭނެއެވެ." ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ވެސް ލީޑަރު އާޒިމް ލިޔުއްވާފައިވެ އެވެ.

މިއަދުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތުތައް ހަރުދަނާ ކަމަށާއި ދުނިޔޭގެ ކޮންމެ ކަންކޮޅެއްގައިވާ ގައުމުތަކާ ގުޅުން ބަދަހި ކަމަށް އާޒިމް ވިދާޅުވިއެވެ. އިންޑިއާއާ ގުޅުން ބަދަހި ކުރަމުންދާ އިރު، ޗައިނާއާ ވެސް ގުޅުން ރަނގަޅު ކަމަށާއި މެދުއިރުމައްޗާއި ޔޫރަޕާއި އެމެރިކާއާ ވެސް ގުޅުން ބަދަހި ކަމަށް ވިދާޅުވި އެވެ.

"އިންޑިއާ އައުޓް ކިޔާ ފަރާތްތަކަށް ހެޔޮ ނަސޭހަތެއް ދިނުމުގެ ގޮތުން ބުނެލަމެވެ. ތިޔަ ކިޔާ ފަރިއްސަށް ދިވެހިން މިއަދު ހޭނިއްޖެއެވެ. ފޫހިވެއްޖެއެވެ. އެހެން ފަރިއްސެއް ކިޔުން ބުއްދިވެރި ވާނެއެވެ. ހެޔޮ ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާށެވެ." އާޒިމް ލިޔުއްވާފައިވެ އެވެ.