ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ރ. އަތޮޅުގެ ބައެއް ރަށްރަށަށާއި ށ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފި އެވެ.

ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި، ރ. އަތޮޅުގެ ހަތަރު ރަށަކަށާއި، ށ. އަތޮޅުގެ 4 ރަށަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. އަދި، މި ރަށްރަށަށް ކުރައްވާ ޒިޔާރަތްތަކުގައި އެދެކަނބަލުން އެރަށްރަށުގައި ހިނގަމުންދާ ބައެއް މަޝްރޫޢުތައް ހިނގަމުންދާ ގޮތް ބައްލަވާލައްވައި، ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ޙާލަތު ބައްލަވާލައްވައި، ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން ވެސް ރައީސް ސޯލިހު، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން، މަސްވެރިންނާއި، ދަނޑުވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. އަދި، ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި ރ. އަލިފުށީގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ގާއިމުކޮށްފައިވާ ޖޮބް ސެންޓަރުގެ ޚިދުމަތް ވެސް އިފްތިތާހު ކޮށްދެއްވުމަށް ހަމަޖެހިފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ށ. ފުނަދޫ، ށ. ޅައިމަގު، ށ. ފޯކައިދޫ، ށ. މާއުނގޫދޫ، ރ. ވާދޫ، ރ. އަލިފުށި، ރ. ރަސްގެތީމު އަދި ރ. އޮނގޮޅިތީމެވެ.