އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކު ބަލިވެ އިން މައްސަލައެއް ބަލަން ފަށައިފި އެވެ.

ޖެންޑާ މިނިސްޓްރީގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސަސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކު ބަލިވެ އިން މައްސަލައެއް އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ.

އަދި މި މައްސަލައިގައި މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު މިކަމުގައި ދެން ޝާމިލް ވަނީ ވެސް 18 އަހަރުން ދަށުގެ ކުއްޖެއް ކަމަށް އެ ސާވިސް އިން ވަނީ ބުނެފަ އެވެ.

މި ދެ ކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށް، އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

ޖެންޑާއިން އިތުރަށް ވިދާޅުވީ، މިކަމުގައި ޝާމިލުވާ ދެ ކުދިންގެ ވެސް ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިގެން މަސައްކަތްކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާނެ ކަމަށެވެ.

މީގެއިތުރުން މި ހާދިސާގެ ސަބަބުން ކުދިންގެ އާއިލާއަށް ބޭނުންވާ ނަފްސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ވެސް އެ ސާވިސްގެ އިޖްތިމާއީ ހިދުމަތްތެރިން މަސައްކަތް ކުރަމުންދާ ކަމަށެވެ.