ގެމަނަފުށީގެ ހެލްތު ސެންޓަރުން 24 ގަޑިއިރު ޚިދުމަތް ދޭން ފެށުމާ ގުޅިގެން ހެލްތް ސެންޓަރަށް އިތުރު މުވައްޒަފުން ބޭނުންވާ ކަމަށް އެރަށު ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިހު އެދެފި އެވެ.

ގެމަނަފުށި ކައުންސިލުން ރައީސްސޯލިހާއެކު ބޭއްވި ބައްދަލުވުމުގައި ވަނީ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ޚިދުމަތެއް ކަމަށް ފާހަގަކުރައްވަމުން ގެމަނަފުށި ކައުންސިލުން ވަނީ އެރަށުގެ ހެލްތް ސެންޓަރު 24 ގަޑިއިރަށް ބަދަލުކުރުމުން ސަރުކާރަށާއި ރައީސް ސޯލިހަށް ޝުކުރުއަދާކުރައްވާފަ އެވެ.

މި ބައްދަލުކޮށްލެއްވުމުގައި، ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް ކުރަމުންއަންނަ މަސައްކަތްތަކާއި ކުރިޔަށްރޭވިފައިވާ ތަރައްގީގެ ޕްލޭންއާއި، ގެމަނަފުށި ރައްޔިތުންނަށް ދިމާވާ ދަތިތައް ވަރަށް ތަފުސީލުކޮށް ރައީސް ސޯލިހާއި ހިއްސާކުރައްވާފަ އެވެ.

އެގޮތުން، ހެލްތް ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމާއި ގުޅިގެން އެ ސެންޓަރަށް އިތުރަށް މުވައްޒަފުން ބޭނުންވާކަމަށާއި، ސެންޓަރުގެ ޖާގައިގެ ދަތިކަން ހުރިކަން ކައުންސިލުން ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، މުވައްޒަފުން މަދުކަން ކައުންސިލުން ފާހަގަކުރެއްވެވި އެވެ.

މީގެ އިތުރުން ސްކޫލަށް މަލްޓި-ޕާޕަސް ހޯލެއް ބޭނުންވާކަމާއި، އެއް ދަންފަޅިއަށް ސްކޫލުގެ ކިޔެވުން ބަދަލުކުރުމަށްޓަކައި ފަހުން އިމާރާތް ކޮށްފައިވާ ދިހަ ކްލާސްރޫމަށް ފަރުނީޗަރު ބޭނުންވާ ކަމަށް ކައުންސިލުން ވިދާޅުވި އެވެ.

ހަމަ އެއާއެކު މަސްވެރިންގެ ކަންބޮޑުވުންތަކާއި، ޒުވާނުންގެ ކަންބޮޑުވުންތައް ވެސް މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ހިއްސާކުރައްވާފަ އެވެ. އެގޮތުން މަހުގެ އަގު ރަނގަޅު ކޮށްދިނުމަށާއި، އައިސް ޕްލާންޓްގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ބޭނުންވާކަން ފާހަގަކުރެއްވެވި އެވެ. އަދި ޒުވާނުންނަށް ޚާއްޞަކޮށް ޔޫތް ސެންޓަރެއް ގާއިމުކޮށްދެއްވުމަށާއި، ފުޓްބޯޅަ ދަނޑެއް ބޭނުންވާ ކަމަށް ކައުންސިލުން ވިދާޅުވި އެވެ.

މީގެ އިތުރުން ރަށުގެ ގިރާ ސަރަޙައްދު ރައްކާތެރިކޮށްދެއްވުމަށާއި، ރަށުގެ ބިންހިއްކަން ބޭނުންވާ ކަމަށާއި، ބަނދަރުގެ ޖާގަ އިތުރުކުރުމަށް ބޭނުންވާ ކަމަށާއި، ރަށުގެ މިސްކިތް މަރާމާތުކުރުމަށް ބޭނުންވާ ކަމަށް ގެމަނަފުށި ކައުންސިލުން ފާހަގަ ކުރެއްވެވި އެވެ. އަދި ރަށުގައި ތާރު އެޅުމަށް ބޭނުންވާ ކަމަށް ވެސް އެ ބޭފުޅުން ފާހަގަ ކުރެއްވެވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާބެހޭ އިދާރާތަކާއި މަޝްވަރާ ކުރައްވައިގެން ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ނަރުދަމާގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާކަން ފާހަގަކުރައްވާ، ފެނުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށް ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގައި ތަރައްގީގެ މަސައްކަތް ކުރާއިރު ރަށުގެ ކައުންސިލުން އެއްބާރުލުން ދެއްވުމަކީ ވަރަށް ރަނގަޅުސިފައެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ.