އަނުރާގް ބާސޫ ލިޔެ ޑައިރެކްޓްކޮށްފައިވާ ކްރައިމް ކޮމެޑީ ފިލްމް "ލޫޑޯ"ގެ ޓްރެއިލާ ދައްކާލައިފި އެވެ. 12 ނޮވެމްބަރުގައި ނެޓްފްލިކްސްއަށް އަންނާނެ ކަމަށް އިއުލާން ކުރަމުން ދައްކާލި ޓްރެއިލާގައި ފެނިގެންދަނީ އެކި ރަހަތަށް ހިމެނޭ މަސްހުނި މަންޒަރުތަކެކެވެ.

އެންތޮލޮޖީ ފިލްމެއް ގޮތަށް ތައްޔާރުކޮށް، ހަތަރު ވާހަކައެއް ގުޅުވާލައިގެން ގެނެސްދޭ މިފިލްމުގެ މައި ތަރިންނަކީ އަބީޝެކް ބައްޗަން، ރާޖްކުމާރް ރާއޯ، ފާތިމާ ސަނާ ޝެއިހް، ޕަންކަޖް ޓްރިޕާތީ، އަދިތްޔާ ރޯއީ ކަޕޫރް އަދި ސަންޔާ މަލޯޓްރާ އެވެ. އެގޮތުން ގާތްގަނޑަކަށް ތިން މިނެޓުގެ ޓްރެއިލާއަށް ހުލާސާކޮށް ބަލާނަމަ، އަބީޝެކް ފެންނަނީ އަލަށް މީހަކު ވަގަށް ނަގައިގެން ފައިސާ ހޯދުމަށް އުޅޭ މީހެއްގެ ރޯލުން ނެވެ.

ކުށުގެ ވެއްޓަށް އާ ކަމުން، މިކަމުގައި އޭނާއަށް އެހީވާތަން ފެންނަނީ އޭނާ ވަގަށް ނަގާ ކުޑަ ކުއްޖާ އެވެ. ރާޖް ކުމާރު ރާއޯ ފެނިގެންދަނީ އޭނާއަށް ގެއްލުނު އެންމެ ލޯބިވާ ކުއްޖާގެ ފިރިމީހާ ޖަލުން ސަލާމަތްކުރަން އުޅެނިކޮށެވެ. އަދިތްޔާ އާއި އޭނާގެ ލޯބިވެރިޔާގެ ހަޔާތަށް އަޑި ގުޑަންތަކެއް އައިސްގެން އުޅޭތަން ފެނިގެންދާ އިރު، ފިލްމުގައި ޕަންކަޖް ޓްރިޕާތީ ކުޅެނީ ރަހުމް ކުޑަ، މީހުން މަރާ މީހެއްގެ ރޯލެވެ. ނަމަވެސް ވަކި ހިސާބަކުން ފެންނަނީ އޭނާގެ ކަރަށް އަނިޔާވެފައި ހުއްޓަ އެވެ. މިފަދަ ގޮތަކަށް ވަކި ވަކިން ފެށޭ ވާހަކަތަކެއް "ބަޓަފްލައި އިފެކްޓް" އާއި އެކު އެކުވެގެންދާ ގޮތް ފެނިގެންދާނެ ކަމުގައި ނެޓްފްލިކްސް އިން ފިލްމާއި ބެހޭގޮތުން ލިޔެފައިވާ ތައާރަފުގައި ވެ އެވެ.

ފިލްމާއި ބެހޭގޮތުން ޑައިރެކްޓަރު އަނޫރާގް ބުނެފައިވަނީ މިވާހަކައަކީ އޭނާގެ ހިޔާލަށް މީގެ ތިން ހަތަރު އަހަރު ކުރިން އައިސްފައި އިން ވާހަކަ އެކެވެ. އެގޮތުން ވާހަކައިގައި މައި ހަތަރު ޕްލޮޓެއް ހިމެނޭއިރު މިހަތަރު ޕްލޮޓް ގުޅިގެން އަންނަ ގޮތް ވަރަށް ރީތިކޮށް ދައްކާ ދެވުނު ކަމުގައި އަނޫރާޖް ބުންޏެވެ.

އެހެންކަމުން ގިނަ އަދެއްގެ ތަރިންނާއި އެކު ކުރެވުނު މި މަސައްކަތާ މެދު އޭނާ ވަރަށް ހިތްހަމަޖެހޭ ކަމަށާއި ތަރިންގެ އެކްޓިންއަށް ސާބަސް ދޭކަމަށް ފިލްމްފެއާ އާއި ވާހަކަ ދައްކަމުން އަނުރާގް ބުންޏެވެ.