ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ، މޮސްޓާ އާއި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު، ޖޭފޯ ކާނަލް މުހައްމަދު ނާޒިމް އުފެއްދުމަށް މަސައްކަތްކުރާ ޕާޓީ އަށް ސޮއިނުކުރަން ނިންމައިފި އެވެ.

މިރޭ ދިވެހި ޗެނަލްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޖޭފޯ ވިދާޅުވީ އާ މީހުނަަށް ފުރުސަތު ދޭނެ ކަމަށް އެމްއެންޕީން ބުނަމުން ދިޔަ ކަމަށާއި ނަމަވެސް އުފައްދަން އުޅޭ ސިޔާސީ ޕާޓީއެއްގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ހައިރާން ވަރަށް ބޮޑު ހައިރާންކަމެއް ލިބިގެން ދިޔަ ކަމަށެވެ.

އެގޮތުން ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ނާޒިމް އިއުލާން ކުރައްވައިފި ކަމަށާއި ފުރަތަމަ ވެސް ކުރިން ދައްކާފައިވާ ވާހަކަތަކާ ޚިލާފަށް ކަންކަން ކުރުމުން ވަރަށް ބޮޑަށް ނުރުހުންވި ކަމަށެވެ.

ޖޭފޯ ވިދާޅުވީ ސިޔާސީ މަސްރަހުގައި ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު، މިވަގުތު ގަބޫލޫކުރަން ޖެހޭ ހަގީގަތްތަކެއް އެބަހުރި ކަމަށާއި ރައީސް ޔާމީންއާއި، ގާސިމް އިބްރާހިމް އާއި، އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަކީ ވެސް ބައެއްގެ ތާއީދު ލިބިފައިވާ ބޭފުޅުން ކަމަށާއި ނަމަވެސް ބަޔަކު ގަބޫލު ކުރިޔަސް ނުކުރިޔަސް އަދިވެސް އެންމެ ތާއީދު ބޮޑު މީހަކީ ރައީސް ޔާމީންކަން ގަބޫލު ކުރަންޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

"ނޫސްވެރިންގެ ބައްދަލުވުމަށްފަހު ވެސް ވިދާޅުވި އެބޭފުޅުން އަޅުގަނޑުމެންނާ އެއްކޮށް ތިބޭނެ ކަމަށް. މަޖިލިސް ހުޅުވިގެންވެސް މިހާރު ދޮޅުމަސް ވެގެން ދިޔައިރުވެސް އަޅުގަނޑުމެންނަށް އަދިވެސް އެބޭފުޅުން ވިދާޅުވި މެމްބަރުން ވެސް ނުފެނޭ. އަޅުނޑުމެންނާ އޭރު ދެއްކި ވާހަކައަކާ ކަންކުރާ ގޮތާ ދިމާނުވޭ،" ޖޭފޯ ވިދާޅުވި އެވެ.

މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޮސްޓާ ވިދާޅުވީ ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ ރައީސް ޔާމީންގެ ތަރައްގީ ކަމަށާއި 360 ޑިގްރީއަށް ބަލާލުމުން ވެސް ފެންނަން ހުރީ އެމަނިކުފާނުގެ ތަަރައްގީ ކަމަށެވެ. އެހެންވީމާ ރައީސް ޔާމީނަކީ ކަންނެތް މީހެއްކަމަށް ބެލެވޭނީ ކޮންގޮތަކަށްތޯ މޮސްޓާ ސުވާލުކުރެއްވި އެވެ. އަދި ހަމަ އެހެންމެ އެމްޑީޕީގެ އެންމެ ހާޑްކޯ ސަޕޯޓަރު ވެސް ރައީސް ޔާމީންގެ ތަރައްްގީ ގަބޫލު ކުރާކަމަށް މޮސްޓާ ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި އެތައް އަހަރެއް ގައުމު ފަހަތަށް ހިނގައްޖެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނާޒިމް އުފައްދަވަން އުޅޭ ޕާޓީ ރަޖިސްޓްރީ ކުރުމަށް ފަސްހާސް މެމްބަރުންގެ ސޮޔާއެކު މިމަހުގެ 16ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުމަށް ވަނީ ނިންމާފަ އެވެ.