ކޮންމެ ހާލަތެއްގައި ވެސް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ، ޑިމޮކްރެސީން ކަށަވަރުކޮށްދޭ ހައްގުތައް އޭގެ އެންމެ ފުރިހަމަ މާނައިގައި ލިބިދިނުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މި އަހަރުގެ ބައިނަލްއަގުވާމީ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގަ އެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެމަނިކުފާނު ވިދާޅުވީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އެންމެހައި އަސާސީ ޙައްޤުތަކަށް މި ސަރުކާރުން އަބަދުވެސް އިހުތިރާމްކޮށް، އެ ހައްގުތައް ލިބިދެވޭކަންވެސް ކަށަވަރުކުރާނެކަމަށެވެ. އަދި ހާއްސަކޮށް ދައުލަތުގެ ކަންކަމާ މެދު ބަސްބުނެ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން ސަރުކާރުގެ އެންމެހައި ކަންކަން ދެފުށް ފެންނާނެހެން ހާމަކުރުމާއި، މަޢުލޫމާތު ޢާންމުކުރުމަކީވެސް، ޑިމޮކްރެސީގެ ހަމަތައް ނެގެހެއްޓުމުގައި މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ދުވަހުގެ މަގުސަދުގެ މައްޗަށް އަލިއަޅުއްވާލައްވަވަމުން ރައީސް ސޯލިހު ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ޑިމޮކްރެސީ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު މަގްސަދަކީ، ގައުމުތަކުގައި ޑިމޮކްރެސީގެ ހަމަތަކާ އެއްގޮތަށް، ދައުލަތް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އޮތްކަމާއި އޮތް މިންވަރު ކަށަވަރު ކުރުންކަމުގަ އެވެ. ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން، ރައްޔިތުންގެ އަސާސީ ހައްގުތައް ފުރިހަމައަށް ހިމާޔަތްކުރެވި، ހައްގުތައް ފުރިހަމައަށް ލިބިދޭކަން ކަށަވަރުކުރުމާއި، ރައްޔިތުންގެ ރުހުމާއި ބައިވެރިވުމާއެކު، ރައްޔިތުން އެދޭ ގޮތަށް ދައުލަތް ހިންގާނެ ބަޔަކު ކަނޑައެޅުމުގެ ހައްގު ލިބިދިނުމަކީ ވެސް ޑިމޮކްރަސީ ދުވަހެއް ފާހަގަކުރުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މިއަދުގެ ޚިޠާބުގައި ރައީސް ވަނީ ޑިމޮކްރަސީގެ އެންމެ ވަރުގަދަ އަސާސަކީ، ދައުލަތް ހިންގާނެ ބަޔަކު ކަނޑައެޅުމުގައި ބައިވެރިވުމުގެ ފުރުޞަތު މިނިވަންކަމާއެކު ހުޅުވައިލެވިފައި އޮތުމާއެކު، ރައްޔިތުންގެ ބައިވެރިވުން އޮވެގެން ދައުލަތުގެ ވެރިން ކަނޑައެޅުން ކަމުގައި ވިދާޅުވެފަ އެވެ. އަދި އެއީ އެ ޤައުމެއްގެ ދުސްތޫރީ އޮނިގަނޑުގައި ކަނޑައެޅިފައި އޮންނަ މުއްދަތުތަކުގައި، އިންތިޚާބުތައް ބާއްވައިގެން ދައުލަތުގެ އިންތިޚާބީ މަގާމުތަކުގެ ދައުރު ބަދަލުކުރަމުން ގެންދިއުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހު ވަނީ ޑިމޮކްރަސީން ކަށަވަރުކޮށްދޭ އެންމެ އަސާސީ އިންސާނީ ޙައްޤަކީ، ދިރިހުރުމުގެ ޙައްޤާއި ރަނގަޅު ކާނާ ކައިބޮއެ އުޅުމުގެ ޙައްޤު ކަމަށްވާ އިރު، މި ޙައްޤުތައް ފުރިހަމައަށް ހޯދުމަށްޓަކައި، ދިވެހި އެންމެހާ ރައްޔިތުން ގަދައަޅައި، އެއް ޢަޒުމެއްގައި ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދީ ގޮތުން ރާއްޖެއަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށް މަސައްކަތްކުރުމަށް ބާރުއަޅުއްވާފަ އެވެ. އަދި އިޤްތިޞާދީ ޙަރަކާތްތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، އަންހެނުންގެ ދައުރު ފުޅާކުރުމަކީ، ޤައުމީ އުފެއްދުންތެރިކަން މަތިކުރުމަށްޓަކައި ވަރަށް ބޭނުންތެރި ކަމެއްކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.

މިއަދުގެ ޚިޠާބު ނިންމަވާލައްވަވަމުން ރައީސް ވަނީ ދިވެހިންނަކީ ޒަމާނީ ޑިމޮކްރަސީއަށް ފައްކާވަމުން ހޭނެމުން އަންނަބައެއް ކަމަށް ވިދާޅުވެފައެވެ. ހަމަ އެއާއެކު ރައްޔިތުންގެ ބާރާއި ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤުތަކާއި، ރައްޔިތުންގެ ކޮނޑުގައި އެޅިފައިވާ ވާޖިބުތަކާއި ޒިންމާތަކަށްވެސް އަހުލުވެރިވަމުން އަންނަ ބައެއްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި ދައުލަތް ހިންގުމުގެ ދާއިރާއިން ބަސްބުނުމަށް ލިބިފައިވާ ޙައްޤުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި، ރާއްޖޭގައި ޤާއިމުވެފައި އޮތް ޑިމޮކްރެސީގެ ހަރުދަނާ އުޞޫލުތަކާއި ހަމަތައް، އެގޮތުގައި ނަގަހައްޓައި ދެމެހެއްޓުމުގައި، ދިވެހި ރައްޔިތުން ސާބިތުވެތިބޭނެކަން އެމަނިކުފާނަށް ޔަޤީންވާކަމަށް ވިދާޅުވި އެވެ.