އިންޑިއާއިން ރާއްޖެއަށް އައު ސަފީރަކު އައްޔަންކޮށްފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުން ރާއްޖޭގެ އާ ސަފީރު އައްޔަންކޮށްފައިވަނީ މިހާރު އިންޑިއާއިން އޮމާނަށް ކަނޑަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އެވެ.

މުނޫ ވަރަށް އަވަހަށް މަގާމާ ހަވާލުވާނެ ކަމަށް ބުނުން ފިޔަވައި އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

އިލެކްޓްރިކަލް އިންޖީނިއަރިންގެ ދާއިރާއިން ތައުލީމް ހާސިލްކުރައްވާފައިވާ މުނޫ މަހާވަރު ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވަން ފެއްޓެވީ 1996ވަނަ އަހަރުން ފެށިގެންނެވެ.

މުނޫ މުހާބަރާ އޮމާންގެ ސަފީރުކަމާ ހަވާލުވެވަޑައިގަތީ އޮގަސްޓް 21، 2018 ގަ އެވެ.

ރާއްޖޭގައި މިހާރު ހުންނެވި ހައި ކޮމިޝަނަރު ސުދީރު މަގާމާ ހަވާލުވެވަޑައިގަތީ 2019 ވަނަ އަހަރުގެ މާޗު މަހު އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެގެން ދިޔަ އެވެ. އެކަމަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިކޮށްފަ އެވެ. އަދި މިސަރުކާރުން އަންނަނީ އިންޑިއާގެ އެހީތެރިކަމާއެކު ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަމުންނެވެ. ރައީސް ސޯލިހު އިންޑިއާއެކު ގިނަ އެއްބަސްވުންތަކެއް ހަދާފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ.