ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އ.ދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމެރިކާގެ ނިއުޔޯކަށް ފުރައިވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި ރައީސް ސޯލިހުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

އ.ދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ރައީސް ސޯލިހު ތަގުރީރުކުރެއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 21 ވާ އަންގާރަ ދުވަހު އެވެ. މީގެ އިތުރުން ރައީސްގެ މި ދަތުރުފުޅުގައި ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ބައްދަލުވުންތަކާއި ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވަވާނެ އެވެ.

އ.ދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ މަގާމު މިފަހަރު ދިވެއްސަކު ފުރުއްވަމުން ގެންދަވާކަމީ ރާއްޖެ އ.ދ. އާ ގުޅުނުތާ މިވީ ދިގު ތާރީޚުގައި ވެސް ރާއްޖެއަށް ނުލިބޭ ފަދަ މުހިންމު ކާމިޔާބީއެކެވެ.

ރައީސް ސޯލިހު އެމެރިކާގެ ނިއުޔޯކަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.