ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންގެ މެދުގައި މުސާރައިގެ ފަރަގު ނައްތާލައި، އެއް ހަމައަކުން މުސާރަ އާއި އިނާޔަތްތައް ދެވޭނެ އޮނިގަނޑެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ އޮނިގަނޑަށް މުއައްޒަފުން ބަދަލު ކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން މިއަދު ބުނެފި އެވެ.

ސިވިލް ސާވަންޓުންގެ މުސާރަ ކުޑަވުމުގެ މައްސަ އަނެއްކާ ވެސް ހޫނުވެފައި ވަނިކޮށް ޕޭ ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ނޭޝަނަލް ޕޭ ކޮމިޝަނުން މިހާރު މަސައްކަތްކުރަމުން އަންނަ ޕޭ ފްރޭމްވޯކް އޮތީ ނިމުމުގެ އެންމެ ފަހުގެ މަރުޙަލާގައި ކަމަށެވެ. އަދި މި ފްރޭމްވޯކްގެ މަސައްކަތް ނިމި ތަންފީޒުކުރަން ފެށުމާއެކު ސިވިލް ސަރވިސްގެ އެންމެ އާދައިގެ މުވައްޒަފުންގެ މުސާރައިން ވެސް ހެޔޮ ބަދަލެއް ފެންނާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މީގެ އިތުރުން ސަރުކާރުގެ އަމާޒަކީ ޕޭ ފްރޭމްވޯކްގެ މަސައްކަތް މިއަހަރު ނިންމާ އަންނަ އަހަރު އަމަލުކުރަން ފެށުން ކަމަށް ވެސް ޕޭ ކޮމިޝަނުން ބުންޏެވެ. އަދި މި ފްރޭމްވޯކްއާއެކު ސަރުކާރުގެ މުވައްސަސާތަކުގެ މެދުގައި މިހާރު ފެންނަ މުސާރާއިގެ ފަރަގުތަކާއި އެކި ފަންނުތަކުގެ މެދުގައި އޮތް މުސާރާއިގެ ފަރަގުވެސް ނައްތާލެވޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

" ސަބަބަކީ މިފްރޭމް ވޯކްގެ ދަށުން މުސާރައާއި ޢިނާޔަތްތައް ދޭނީ ކަނޑައެޅިފައި އޮންނަ އެއްހަމައަކުން ކަމަށްވާއިރު ކޮންމެ ފަންނަކަށްވެސް އެފަންނަކާއި އެކަށީގެންވާ ގޮތެއްގައި މުސާރައާއި ޢިނާޔަތްތައް މި ފްރޭމްވޯކްގައި ބަޔާންކޮށްފައި އޮތުމުން،" ޕޭ ކޮމިޝަނުން ބުންޏެވެ.

ސިވިލް ސާވިސްގެ މުވައްޒަފުންގެ ޝަކުވާގެ ތެރޭގައި މަގާމުގެ މަސްއޫލިއްޔަތާއި ލިބިފައިވާ އިލްމީ ގާބިލުކަމާއި ތަޖުރިބާއަށް އެކަށީގެންވާ މުސާރައާއި އިނާޔަތްތައް ނުލިބުމުގެ ޝަކުވާ ހިމެނެ އެވެ. އަދި އަދާ ކުރަންޖެހޭ މަސައްކަތުގެ ބުރަކަމާއި ކުރިމަތިވާ އެކި ރިސްކްތަކާއި ޖިސްމާނީ ބުރަތަކަށް ރިއާޔަތްކުރާއިރު މުސާއަރާއި އިނާޔަތްތައް އެކަށީގެންނުވާ ކަމުގެ ޝަކުވާ ވެސް ހިމެނެ އެވެ.

ޕޭ ކޮމިޝަނުން ބުނީ އަލަށް އެކުލަވާލާ ޕޭ ފްރޭމްވޯކާއެކު މިމައްސަލައަށް ހައްލެއް ލިބޭނެ ކަމަށާއި، ފްރޭމްވޯކްގައި މިހުރިހާ ދާއިރާއަކަށް އަލިއަޅުވާލާފައިވާނެ ކަމަށެވެ.