ކޮވިޑް ބަލިމަޑުކަމުން ދުނިޔެ އަރައިގަތުމަށް އދ.ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތައުރީފު ކުރައްވައިފި އެވެ.

ރައީސް ސޯލިހު އދ.ގެ ސެކްރެޓަރީ ގުޓެރޭޒްއަށް ތައުރީފު ކުރައްވާފައި މި ވަނީ، އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރެއްވުމަށް ރައީސް އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ބައްދަލުވުމުގެ ހަވާސާގަ އެވެ.

އދ. ގެ މައި އިދާރާގައި އިއްޔެ ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ އައު ދައުރަކަށް އެންޓޯނިއޯ ގުޓަރޭޒް އިންތިހާބުވެ ވަޑައިގެންނެވުމާ ގުޅިގެން މަރުހަބާ ވިދާޅުވެ، ދުނިޔޭގެ މަސްރަހު މިހާ ހަލަބޮލި ދުވަސްވަރެއްގައި އެމަނިކުފާނު ދައްކަވާ ލީޑަޝިޕަށް ތައުރީފުކުރައްވާފަ އެވެ. އަދި ކޮވިޑް-19 ރެސްޕޮންސް އެންޑް ރިކަވަރީ ފަންޑު އުފައްދަވާފައިވާކަން ފާހަގަކުރައްވައި، އޭގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކަށް އަދި ވަކިން ހާއްސަކޮށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ އެހީތެރިކަން މިފަންޑުގެ ސަބަބުން ލިބިގެންދާނެކަން ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.

ވެކްސިންގެ ހަމަހަމަކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން، ރައީސް ސޯލިހު ވަނީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ހަމަހަމަ ކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް ފަށާފައިވާ ކޯވެކްސް ޕްރޮގްރާމް ފަދަ މުހިންމު މަސައްކަތްތަކަށް އެއްބާރުލުންދީ، ހުރިހާ ގައުމުތައް އެކުގައި މަސައްކަތްކޮށް، ކޮވިޑް-19 ޕެންޑެމިކް ނިމުމަކަށް ގެނައުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

ރައީސް ވަނީ ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ގައުމީ ފެންވަރުގައި ކުރަމުންގެންދާ މަސައްކަތްތަކާއި ރާއްޖޭގައި ވެކްސިން ދެވޭ އާބާދީގެ އެންމެންނަށް ވެކްސިން ދިނުމަށް ކުރަމުންގެންދާ މަސައްކަތުގެ މަޢުލޫމާތު ސެކްރެޓަރީ ޖެނެރަލްއާ ހިއްސާ ކުރައްވާފަ އެވެ. ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމުގައި ރާއްޖެއިން ކާމިޔާބީއާ ހަމައަށް އާދެވިފައިވާކަން ފާހަގަކުރައްވަމުން، މި ބަލި ކޮންޓްރޯލްކުރުމަށް ސަރުކާރުން އަޅަންޖެހުނު ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަރަށްބޮޑު ގެއްލުމެއް ލިބިގެންދިޔަ ކަމަށާއި، ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ޞިއްޙީ ކުއްލި ހާލަތު މެނޭޖުކުރުމަށް ހޭދަކުރަން ޖެހުނުކަން ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް އަލިއަޅުއްވާލައްވައި، މިކަމުގެ ނުރައްކަލަށް އެންމެބޮޑަށް ހުށަހެޅިފައިވާ ކުދި ޖަޒީރާ ގައުމުތަކަށް، މިކަމުން އަރައިގަތުމަށް ބައިނަލްއަގުވާމީ މުޖްތަމައުގެ އެހީތެރިކަމަށް ބޭނުންވެފައިވާކަން ވަރަށް ސާފުކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އދ.ގެ ސެކްރެޓަރީ ޖެނެރަލް ވަނީ މުޅި ދުނިޔެއިން މިހާރު ކުރިމަތިލާން ޖެހިފައިވާ ކޮވިޑް-19ގެ ޕެންޑަމިކްގެ ތެރޭގައި، ތަރައްގީވަމުން އަންނަ ގައުމުތަކަށް މާލީގޮތުން ކުރިމަތިވެފައިވާ ދަތިތަކަށް ލުއި ފަސޭހަގޮތްތަކެއް ހޯދައިދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި، ކޮވިޑް-19ގެ ސަބަބުން ދިމާވި ދަތިތަކުން އަރައިގަނެ ގައުމު އަލުން އާރާސްތްކުރުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތަށް އެމަނިކުފާނުގެ އެއްބާރުލުން ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސް ވަނީ އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ލީޑާޝިޕްގެ ދަށުން ކޮވިޑް-19ގެ ބަލިމަޑުކަމާ ދެކޮޅަށް އެޖަމާއަތުން ކުރަމުންގެންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައި، އދ. އާއި ރާއްޖެއިން އިސްކަންދޭ މުހިންމު މައްސަލަތަކާބެހޭގޮތުން މަޝްވަރާކުރެއްވުމަށްޓަކައި ވަގުތުކޮޅެއް ހުސްކޮށްދެއްވީތީ ސެކްރެޓަރީ ޖެނެރަލްއަށް ޝުކުރު އަދާކުރައްވާފަ އެވެ