އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގެ ކުދި ޖަޒީރާ ގައުމުތަކަކީ މާ ދުރުދުރުގައި ވަކިވަކިން ހުރި، ކުދި ގައުމުތަކެއް ނަމަވެސް މި ގައުމުތަކުގެ ބަދަހިކަމާއި ގުޅިފައިވާ ތަސައްވުރަކީ، ދުނިޔޭގައި ބަސް ހިނގައި، ބޭނުންވާ ބަދަލު ގެނެވޭ ފަދަ ބާރަކަށް އެއޯސިސް ހަދައިދިން ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައިވަނީ އެއޯސިސްގެ ލީޑަރސް ސަމިޓް 2021 ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ސަމިޓް ބާއްވާފައި ވަނީ މިހާރު އެމެރިކާގެ ނިއުޔޯކްގައި ކުރިޔަށްދާ އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ހަވާސާގަ އެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަކީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލައި، ދެމެހެއްޓެނިވި ތަރައްގީއާއި އަދި މި ނޫންވެސް ނާޒުކު މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ، އަދި އެ ކަންކަމުން އަރައިގަތުމަށް މަސައްކަތްކުރުމުގެ ދިގު މާޒީއެއް އޮތް ގައުމުތަކެއްކަން ފާހަގަކުރެއްވި އެވެ. އަދި ކޮވިޑް-19 ޕެންޑަމިކުގެ ސަބަބުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ނާޒުކު އިގްތިސާދުތަކަށް، ބޮޑަތި ގެއްލުންތަކާ ކުރިމަތިވެފައިވާކަމަށާއި ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމު ދިގު މުއްދަތަކަށް މަޑުޖެހިފައި އޮތުމުން އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށްވެސް ކޮށްފައިވާކަން ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.

މި ރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށާއި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސާދުތައް ސިންދަފާތުކުރުމަށް ޓެކްނޮލޮޖީ ހިއްސާކުރުމަށާއި، މާލީ އެހީތެރިކަމާއި ގާބިލިއްޔަތުކަން އިތުރުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން އެހީތެރިވެ ދިނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ. އަދި ވަކިން ހާއްސަ ހާލަތްތައް މެދުވެރިވެފައިވާ ކުދި ޖަޒީރާ ގައުމުތަކަށް އެހީތެރިވުމަށް އެކުލަވާލާ ފަންޑު ވާންޖެހޭނީ އެކަމަށް އެކަށޭނަ، އެއްބަސްވެވިފައިވާ އަދި ފަސޭހައިން ހަމަޖެހޭގޮތަށް އެކުލަވާލެވިފައި އޮންނަ އެއްޗަކަށްކަންވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހު ވަނީ ކަނޑުތައް ތައައްޔަރުވުމާ ބެހޭގޮތުންނާއި ކޮޕް-26 ގެ ކޮންފަރެންސަށް ތައްޔާރު ވުމަށް ކުދި ޖަޒީރާ ގައުމުތަކަށް ކުރެވިދާނެ ކަންކަމާބެހޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އަދި މިއަދުގެ ސަމިޓުން ލީޑަރުން އެއްބަސްވެފައިވާ "ލީޑަރސް ޑެކްލެރޭޝަން"ގެ ސަބަބުން، މިފަދަ މައްސަލަތަކަށް ހާއްސަ އަހަންމިއްޔަތެއް ދޭންޖެހިފައިވާކަން ހާމަވާ ކަމަށާއި، އެކަންކަން ހައްލު ކުރުމަށްޓަކައި ތަރައްގީވެފައިވާ ގައުމުތަކާއި، ބައިނަލްއަގްވާމީ ފައިނޭންޝިއަލް އިންސްޓިޓިއުޓްތަކާއި، ޕްރައިވެޓް ސެކްޓަރއާއި، އަދި މަދަނީ ޖަމުއިއްޔާ ޖަމާއަތްތަކުގެ އެއްބާރުލުން ނުހަނު ބޭނުންވެފައިވާ ކަމުގައިވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދ، މި މަސައްކަތުގައި އެދެވޭ ކުރިއެރުން ލިބޭނެ ގޮތަށް ރޭވުންތެރިކަމާއެކު މަސައްކަތްކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ރައީސް ގޮވައިލެއްވި އެވެ.

ރައީސް ސޯލިހު ވަނީ ޕްލާސްޓިކުން ކަނޑުތައް ތައައްޔަރުވުން ހުއްޓުވުމަށް ގިނަ ގައުމުތައް އެކުވެގެން ކުރަމުންގެންދާ މަސައްކަތަށް ތާއީދުކުރައްވާ ކަމަށާއި، އެކަމަށްޓަކައި ހާއްސަ ބައިނަލްއަގްވާމީ މުއާހަދާއެއް ގެނައުމަށް ތާއީދު ކުރައްވާކަމުގައި ވިދާޅުވެފަ އެވެ.

ކުދި ޖަޒީރާ ގައުމުތަކުގެ ފުރަތަމަ ކޮންފަރެންސް 1989 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށްފަހު ރާއްޖެއިން ވަނީ ކުދި ޖަޒީރާ ގައުމުތައް އެކުލެވޭ ޖަމާއަތެއް އުފެއްދުމުގެ މަސައްކަތް ބާރަށް ކުރިޔަށްގެންގޮސްފަ އެވެ. އެގޮތުން އައްސޭރިފަށުގެ ބިންތިރި، ކުދި ގައުމުތައް ތަމްސީލުކުރާ ޖަމާއަތްކަމުގައިވާ 'އެއޯސިސް' އުފެދުނީ 1990ގައި ޖެނީވާގައި ބޭއްވި ދުނިޔޭގެ ދެވަނަ ކްލައިމެޓް ކޮންފަރެންސްގެ ތެރެއިންނެވެ. އެއޯސިސް އަކީ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)އާއި ބައިނަލްއަގްވާމީ އެންވަޔަރަންމަންޓް ޕޮލިސީއަށް ވަކާލާތުކޮށް އަދި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ޚާއްޞަ ސަމާލުކަމެއްދޭ ޖަމާއަތެކެވެ.