ބޮލީވުޑްގެ ކާމިޔާބު ޒުވާން އެކްޓަރުން ކަމަށްވާ ވަރުން ދަވަން ކުރިއަށް އޮތް ފިލްމު "އެއްކީސް"ގެ ޝޫޓިންތައް އަންނަ އަހަރު ފެށުމަށް ނިންމައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ވަރުންގެ "އެއްކީސް" ޝޫޓިންތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

މިހާރުގެ މަޝްހޫރު އެކްޓަރު ވަރުން ދެ ފިލުމެއްގެ މަސައްކަތް ކުރަމުން އަންނައިރު "ބޭޅިޔާ" ފިލްމުގެ ޝޫޓިން ނިމިފައިވާއިރު، ފިލްމު "ޖުގް ޖުގް ޖިއޯ"ގެ ޝޫޓިން ނިމުމާ ވަނީ ވަރަށް ގާތުގަ އެވެ.

މިޝޫޓިންގް ޝެޑިއުލް ނިންމާލުމަށްފަހު ދާދި އަވަހަށް ވަރުން ތައްޔާރުވަނީ ފިލްމު "އެއްކީސް"ގައި ކުޅޭ ރޯލުގެ ކެރެކްޓާއަށް ތައްޔާރުވުމަށެވެ.

https://www.instagram.com/p/CRS6aGksguU/

އެކްޓަރު ވަރުންއަކީ އަބަދުވެސް ފިލްމުގައި ކުޅެން ލިބޭ ރޯލު ނުވަތަ ކެރެކްޓާއަށް ވަރަށް ބޮޑަށް ތައްޔާރުވެ، އެކަމަށް ހާއްސަ ތަމްރީނުތަކެއް ހަދާ ތަރިއެކެވެ.

ފިލްމު "އެއްކީސް" ގައި އޭނާ ފެނިގެންދާނީ އާމީ އޮފިސަރެއްގެ ރޯލުންނެވެ.

ފިލްމު "އެކް ހަސީނާ ތީ" އަދި "އަންދާދުން" ފަދަ ކާމިޔާބު ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ސްރީރާމް ޑައިރެކްޓްކޮށް ދިނޭޝް ވީޖާން ޕްރޮޑިއުސްކުރާ މިފިލްމަކީ، 1971 ވަނަ އަހަރު ހިނގި "އިންޑޯ-ޕާކިސްތާން" ހަނގުރާމާގައި ޝަހީދުވި ދެވަނަ ލެފްޓިނެންޓް އަރުން ކެތަރްޕަލްގެ ހަޔާތުގެ މައްޗަށް ބިނާކޮށްގެން ތައްޔާރުކުރާ ފިލްމެކެވެ.

އެހެންކަމުން މިއީ ވަރުންގެ ކެރިއަރުގައި އޭނާ ކުޅޭ ފުރަތަމަ ބައޯޕިކް ފިލްމަށްވެފައި ހާއްސަކޮށް އާމީ އޮފިސަރެއްގެ ރޯލް ކުޅެން ލިބުމަކީ އޭނާއަށް ލިބޭ ފަޚުރެއްކަމަށް ވަރުންވަނީ ބުނެފަ އެވެ.

https://www.instagram.com/p/CLEAMwbByQR/?utm_source=ig_embed&ig_rid=fe65cb1c-8116-442e-a092-6ffe36499d19

ފިލްމު "އެއްކީސް" އަށް ވަރުން ތައްޔާރުވާއިރު އޭނާވަނީ ޕްރޮޑިއުސަރު ސާޖިދް ނަދިއަދްވާލާގެ ފިލްމު "ސަންކީ" ކުޅެން ވެސް ސޮއިކޮށްފަ އެވެ.

ދާދި ފަހުން ޒަވާޖީ ހަޔާތެއް ފަށާފައިވާ އެކްޓަރު ވަރުން އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރު އެމޭޒަން ޕްރައިމްގައި ރިލީޒް ކުރި ފިލްމު "ކޫލީ ނަމްބަރު-1" އިންނެވެ.