އައފޯނު ހިމެނޭހެން ހުރިހާ ބްރޭންޑްއެއްގެ ފޯނުތަކަށް އެއްކަހަލަ ޗާޖަރެއް ބޭނުން ކުރުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ހުށައަޅައިފި އެވެ.

އެގޮތުން އީޔޫއިން ވަނީ ޔޫއެސްބީ ސީ ޕޯޓު ޗާޖަރު ބޭނުން ކުރެވޭ ގޮތަށް ހުރިހާ ފޯނުތަކެއް ވެސް ފަރުމާ ކުރުމަށް ހުށައަޅައި ގަރާރެއް ނެރެފަ އެވެ.

މި ގަރާރުގައި ފޯނުތަކުގެ އިތުރުން ޓެބްލެޓާއި ކެމެރާއާއި ހެޑްފޯންތަކާއި ޕޯޓަބަލް ސްޕީކަރުތަކާއި ވީޑިއޯ ގޭމް ކޮންސޯލް ވެސް މި ގޮތަށް ފަރުމާ ކުރުމަށް ހުށައަޅާފައިވެ އެވެ.

މީގެ އިތުރުން އީޔޫއިން ވަނީ ފޯނުތަކާއި ޗާޖަރުތައް ވަކިން ވިއްކުމަށް ވެސް ހުށައަޅާފަ އެވެ. ސަބަބެއް ކަމަށް އެ ޖަމާއަތުން ބުނެފައިވަނީ ކޮންމެ އާ ފޯނަކާއެކު ޗާޒަރެއް ލިބުމުން މީހުންގެ އަތުގައި ޗާޖަރުތައް ގިނަވެ، ޓެކް ވޭސްޓް ގިނަވުން ކަމަށެވެ.

އީޔޫއިން ބުނީ ޓެކްނޮލޮޖީ ކުންފުނިތަކުން މިކަމަށް ހައްލެއް ހޯދަން ފުރުސަތު ދެވިއްޖެ ކަމަށާއި ނަމަވެސް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށެވެ.

އީޔޫއިން ހުށައަޅާފައިވާ މ ގަރާރު ޔޫރަޕިއަން ޕާލިމަންޓްއިން ފާސް ވެއްޖެނަމަ މި އުސޫލަށް އަމަލު ކުރަން ތައްޔާރުވާން ކުންފުނިތަކަށް 24 މަސް ދުވަސް ދެވޭނެ އެވެ.

މާހިރުން ގަބޫލު ކުރާ ގޮތުގައި މިއީ ޓެކްނޮލޮޖީ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނުވާނެ ބަދަލެކެވެ.