ކުޑަކުއްޖަކު ކޮނޑަށްލައިގެން އަންހެނަކު ހިޔާ ފްލެޓަށް ހިނގާފައި ދަނިކޮށް ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެ، ސަރުކާރަށާއި އެޗްޑީސީއަށް އެތައް ބަޔަކު ފާޑުކިޔަން ފެށުމުން އެންމެ ފަހުން މާދަމާއިން ފެށިގެން ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަހުގެ ޚިދުމަތް މާދަމާ ފަށަން އެމްޓީސީސީން ނިންމައިފި އެވެ.

މާލެ ސަރަހައްދުގައި ބަހުގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުނި މިއަދު ބުނީ އެމްޓީސީސީން ބަހުގެ ޚިދުމަތް ދޭން ނިންމާފައި ވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހިން ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދަށް ކަމަށެވެ.

އެމްޓީސީސީން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އުޅެމުން އަންނަ މީހުންނަށް ދަތުރުފަތުރުކުރުމުގައި މިހާރު ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ބަސް ދަތުރުތައް ފެށި ނަމަވެސް، މާލެއިން ސީދާ ހުޅުމާލެ ދެވަނަ ފިޔަވައްސަށް ދަތުރުތައް ނޯންނާނެ ކަމަށެވެ. އަދި ދެވަނަ ފިޔަވައްސަށް ބަސް ދަތުރުތައް އޮންނާނީ ހުޅުމާލެ ފުރަތަމަ ފިޔަވަހިން ކަމަށާއި، އެގޮތުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ދެމުން އަންނަ ބަހުގެ ޚިދުމަތް ފުޅާކޮށް އެ ހިދުމަތް ދެވަނަ ފިޔަވައްސަށް ފެށުމަށް ބަސް ރޫޓަށް ވަނީ ބަދަލުތައް ގެނެސްފައި ކަމަށް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހިން ދެވަނަ ފިޔަވައްސަށް ބޮލަކަށް ބަސް ދަތުރަކަށް ކަނޑައަޅާފައި ވަނީ ފަސް ރުފިޔާ އެވެ.

އެމްޓީސީސީން ބުނީ ފޭސް އެކަކާއި ފޭސް ދޭއް ގުޅުވައިދޭ މި ބަސް ރޫޓުން އެކި ބަސް ސްޓޮޕްތަކަށް މަޑުކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ވެސްޓް ޕާކް ރޫޓާއި ކާނިވާ ރޫޓު އަދި ވީއައިއޭ ބަސް ރޫޓާއި ހުޅުމާލޭ ނެއިބަހޫޑު، 1، 2، 3 ހިމެނޭ ކަމަށެވެ.

މިގޮތުން ކޮންމެ ދުވަހަކު ވެސް ބަހުގެ ހިދުމަތް ފަށާނީ ފަތިހު 5:45 ގައި އެ ކުންފުނިން ބުންޏެވެ. އަދި ބަހުގެ އެންމެ ފަހު ދަތުރު ކޮންމެ ރެއަކު ވެސް އޮންނާނީ 11:45 ގަ އެވެ. ހުކުރު ދުވަހުގެ މެންދުރު 12:15 އިން 1:15 އަށް ބަހުގެ ހިދުމަތް މެދުކަނޑާލި ނަމަވެސް އެ ދުވަހު ވެސް ކޮންމެ 30 މިނެޓަކުން 30 މިނެޓަކުން ބަސްތައް ދަތުރުކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.