ބޮލީވުޑްގެ މަޝްހޫރު ތަރިން ތެރޭގައި ހިމެނޭ ސައިފް އަލީ ހާން އާއި އޭނާގެ ކުރީގެ އަންހެނުން އަމްރިތާ ސިންގްގެ ފިރިހެން ދަރިފުޅު އިބްރާހިމް އަލީ ޚާން ވެސް ބޮލީވުޑަށް ނިކުތުމަށް ތައްޔާރުވެއްޖެ އެވެ.

އިންޑިއާގެ މީޑިއާއަކަށް ދިން އިއްޓަވިއުއްގައި ސައިފް ވަނީ އޭނާގެ ދަރިފުޅު އިބްރާހިމް ބޮލީވުޑަށް ނިކުތުމަށް ތައްޔާރުވެފައިވާކަން ޔަގީން ކޮށްދީފަ އެވެ.

އެގޮތުން އިބްރާހިމް ފުރަތަމަ މަސައްކަތް ކުރާނީ ކަރަން ޖޯހަރް ޑައިރެކްޓްކުރާ ފިލްމެއްގައި އޭނާގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ކަމަށް ސައިފް ބުންޏެވެ.

އިބްރާހިމް މަސައްކަތް ކުރަނީ ކޮން ފިލްމެއް ކަމަށް ސައިފް ހާމަކޮށްފައި ނުވި ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެއީ ފަސް އަހަރުގެ ދިގު މުއްދަތަކަށް ފަހު ކަރަން ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ކަރަން މަސައްކަތް ކުރުމަށް އިއުލާން ކޮށްފައިވާ "ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ" ކަމަށް ވަނީ ބެލެވިފަ އެވެ.

https://www.instagram.com/p/CI002XdBEoR/

މީގެ އިތުރުން ސައިފް ބުނީ އިބްރާހިމް ބޮލީވުޑަށް ބަތަލެއްގެ ގޮތުގައި ވެސް ނިކުންނާނީ ކަރަންގެ ފިލްމަކުން ކަމަށެވެ.

ސައިފްގެ ދޮށީ ދަރިފުޅު އަދި އިބްރާހީމްގެ ދައްތަ ސާރާ އަލީ ޚާން އަކީ މިހާރު ބޮލީވުޑްގައި ފާހަގަ ކޮށްލެވޭ ބަތަލާ އެކެވެ.

ސާރާ އާއި އިބްރާހިމް އަކީ ސައިފް އާއި އެކްޓްރަސް އަމްރިތާ ސިންހް އާ ކައިވެނިކޮށް ލިބުނު ދެ ދަރިންނެވެ. ސައިފް މިހާރު ކައިވެނިކޮށްގެން އުޅެނީ ބަތަލާ ކަރީނާ ކަޕޫރާ އެވެ. އެ ދެމަފިރިންނަށް ވެސް ވަނީ ދެ ދަރިން ލިބިފަ އެވެ.