އެސްޓްރަޒެނެކާ އާއި އޮކްސްފޯޑު ޔުނިވަސިޓީއިން އުފެއްދި ކޮވިޑް-19ގެ ވެކްސިން ޓެސްޓްތަކުގައި ބައިވެރިވި ބްރެޒިލްގެ ވޮލެންޓިއަރެއް މަރުވެއްޖެ އެވެ.
ބްރެޒިލްގެ ހެލްތު އޮތޯރިޓީ އިން ބުނި ގޮތުގައި މަރުވެފައި ވަނީ 28 އަހަރުގެ ފިރިހެނެކެވެ.
އޭނާ މަރުވެފައި ވަނީ ކޮވިޑް-19ގެ ސަބަބުން މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ރިޕޯޓުތައް ބުނާގޮތުން ވެކްސިން ދެވުނު މީހުންގެ ގްރޫޕްގައި މި މީހާ ނުހިމެނެ އެވެ. ހިމެނުނު ނަމަ ވެކްސިންގެ ޓެސްޓްތައް ވަގުތީ ގޮތުން މެދުކަނޑާލާނެ އެވެ.
އޮކްސްފޯޑުން ބުނެފައި ވަނީ ވޮލެންޓިއަރަކު މަރުވުމުން މިނިވަން ރިވިއުއެއް ކުރެވި، އެކަމާ ގުޅިގެން ޓެސްޓްގެ ރައްކާތެރިކަމާ ގުޅޭގޮތުން އެއްވެސް ކަންބޮޑުވުމެއް ނެތްކަން ފާހަގަކުރެވިފައި ވާތީ ޓެސްޓްތައް މެދުނުކެނޑި ކުރިއަށް ދާނެ ކަމަށެވެ.
އެންބީސީ ނިއުސްއާ ވާހަކަދައްކަމުން އެސްޓްރަޒެނެކާއިން ވެސް ވަނީ މި ހަބަރު ކަށަވަރުކޮށްދީފަ އެވެ.
"އަހަރެމެންނަށް މި ވެކްސިން ޓެސްޓްތަކުގައި އަންނަ ވަކި ވަކި ކޭސްތަކާގުޅޭ ގޮތުން ކޮމެންޓެއް ނުކުރެވޭނެ. ސަބަބަކީ ކްލިނިކަލް ޓެސްޓްތަކުގެ ގަވައިދުތަކާއި ބަލި މީހުންގެ ސިއްރުތައް ހިފެހެއްޓުމުގެ ގޮތުން. އެހެން ނަމަވެސް އަހަރެމެންނަށް ޔަގީން ކޮށްދެވޭނެ ކަމަކީ ހުރިހާ ޕްރޮސެސްއެއް ވެސް ރަނގަޅަށް ރިވިއު ކުރެވިފައިވާ ކަން،" އެ ބަޔާނުގައި ވެ އެވެ.
ބްރެޒިލްއަކީ އެމެރިކާ ފިޔަވައި ދެވަނައަށް އެންމެ ގިނަ ކޮވިޑް-19ގެ ކޭސް ރިޕޯޓުކޮށްފައިވާ ގައުމެވެ. އެ ގޮތުން މިހާތަނަށް މި ބަލި ޖެހިގެން އެ ގައުމުން 154،000 މީހުން މަރުވެފައިވެ އެވެ. -ޑެއިލީ މެއިލް