ފ. މަގޫދޫގައި އެއާޕޯޓެއް އަޅައިދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހު އެރަށު ކައުންސިލުން އެދެފި އެވެ.

މަގޫދޫ ކައުންސިލުން މިގޮތަށް އެދުނީ މިއަދު ރައީސް ސޯލިހާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.

ރައީސް އޮފީހުން ބުނީ މަގޫދޫ ކައުންސިލާއެކު ރައީސް ސޯލިހު ބޭއްވި ބައްދަލުވުމުގައި ރަށުގެ ތަރައްގީގެ މުހިންމު ކަންކަމާއި ކައުންސިލާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ކައުންސިލަރުން ވަނީ ރައީސް އާ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. މިގޮތުން، ކައުންސިލުން ފާހަގަކުރެއްވި ކަންތަައްތަކުގެ ތެރޭގައި ރަށުގައި އެއާޕޯޓެއް އެޅުމާއި، ރަށަކީ ޔުނިވާސިޓީއެއް ހިންގާ ރަށަކަށްވުމާއެކު ރަށުގެ ސިއްހީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެގޮތް ހެދުމުގެ މުހިންމުކަމާއި، އޭޓީއެމްއެއް ގާއިމުކުރުމުގެ މުހިންމުކަމާއި، ސްކޫލްގައި ލައިބްރަރީއެއް ގާއިމުކުރުމާއި، ފުޓްސަލް ދަނޑުގެ މަސައްކަތާއި، ކައުންސިލްގެ ބަޖެޓްގެ ދަތިކަމާ ގުޅޭ ވާހަކަތައް ހިމެނެ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މަގޫދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައި ހަމަޖެއްސެވެން ހުރި ކަންކަން ހަމަޖައްސަވާނެ ކަމަށް ވިދާޅުވެފަ އެވެ. މިގޮތުން، ޓާފް ދަނޑުގެ މަސައްކަތާއި ސިއްހީ ޚިދުމަތް ހަރުދަނާކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށް ގެންދަވާނެ ކަމަށާއި، ރަށުގައި ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ބިން ހިއްކުރުމުގެ މަސައްކަތުގެ ފަހުގެ މައުލޫމާތު އެމަނިކުފާނު ވަނީ ކައުންސިލާ ހިއްސާކުރައްވާފަ އެވެ.