އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ ގެކޮޅުގެ ސެކިއުރިޓީ ފޫއަޅުވާލީ މަސްތުވާތަކެތީގެ ވަބާގައި އުޅޭ މީހެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރެވުނު ސުވާލުތަކުގެ ތެރެއިން އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަނުމަށް މަސައްކަތް ކުރި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާއި ގުޅޭގޮތުން މެމްބަރު އިމްތިޔާޒު ފަހުމީ ކުރެއްވި ސުވާލުގައި އިމްރާން ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލައްތައް ވަރަށް ބޮޑުވެފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަންނަން މަސައްކަތް ކުރީ ވެސް މަސްތުގެ ހާލަތުގައި ހުރި މީހެއް ކަމަށެވެ. އަދި މައްސަލަ މިހާރު ވެސް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އިމްރާން ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ ފަރާތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށާއި ރޭ އިސްލާމީ މަރުކަޒުގައި އިމާމު ނަމާދުކުރަން ހުއްޓާ ކުޑަކަމުދިޔައީ ވެސް އެފަދަ ހާލަތެއްގައި ހުރި މީހެއް ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހަކު ވަންނަން މަސައްކަތްކުރި ނަމަވެސް އެވަގުތު އެމަނިކުފާނު ގެކޮޅުގައި ނޫޅުއްވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އެމަނިކުފާނު އެވަގުތު އިންނެވީ ވެސް ސުޕްރީމް ކޯޓުގައި ހިނގަމުން ދިޔަ ޝަރީއަތެއްގެ ރިޔާސަތުގަ އެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން ދައުލަތުގެ ބާރުގެ ވެރިންނަށް ދައުލަތުން ރަސްމީ ގެކޮޅު ހަމަޖެއްސުމަށް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.