ޖަލުތަކުގެ ރިހިބިލިޓޭޝަން އިތުރަށް ހަރުދަނާ ކުރުމަށް ރިހިބިލިޓޭޝަން ކޮމާންޑެއް އުފައްދައި، ބޭނުންވާ މީހުން ތަމްރީން ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާނު މިހެން ވިދާޅުވީ މިއަދު މަޖިލީހުގެ ތަޅުމުގައި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ މިނިސްޓަރު އިމްރާނާ ކުރި ސުވާލުތަކަކަށް ޖަވާބުދެއްމުންނެވެ.

މިނިސްޓަރު އިމްރާން ވަނީ ރާއްޖޭގެ ޖަލުތަކުގައި އެކަށީގެންވާ ރިހިބިލިޓޭޝަން ޕްރޮގްރާމެއް ޖަލުތަކުގައި ހިންގިފައިނުވާކަމާއި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ބުނާ ކަންކަން ނިމިދިޔަ ސަރުކާރުން ކޮށްފައިނުވާކަން ފާހަގަކުރައްވާފަ އެވެ.

އެހެންނަމަވެސް ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް ރިހެބިލިޓޭޝަން ހަރުދަނާކުރުމުގެ ދަށުން މުޖުތަމައުއަށް ބޭނުންތެރި ހަރުދަނާ ބަޔަކު ހެދުމުގެ މަގުސަދުގައި ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށް މިނިސްޓަރު ވަނީ ބުނެފަ އެވެ.

އޭގެ ތެރޭގައި ޖަލުތަކުގައި ރިހެބިލިޓޭޝަން ކޮމާންޑް އުފައްދައި، އެ ކޮމާންޑަށް މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ޖަލުތަކުގައި ރަނގަޅުކުރަން ޖެހޭ ގިނަ ކަންތައްތަކެއްގެ ވާހަކަތައް މިނިސްޓަރު ފާހަގަކުރައްވާފައިވާއިރު، މިނިސްޓަރު ވަނީ ގައިދީންނަށް ބޭސް ފަރުވާ ލިބޭ ހިދުމަތް ރަނގަޅުކުރުމާ ގުޅޭގޮތުން ވެސް ވާހަކަދައްވަކާފަ އެވެ.

އޭގެ އިތުރުން ޖަލުތަކުގައި ގައިދީންނަށް އަނިޔާކުރާ މައްސަލަތަކަކީވެސް ވަރަށް ގިނައިން ލިބޭ ޝަކުވާތަކެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ ޖަލުތަކުގައި އަނިޔާ ކުުރުން ހުއްޓުވުމަށްޓަކައި އެކަން ކުރާ އޮފިސަރުންނަށް ފިޔަވަޅު އަޅަމުންދާ ކަމަށް ވިދާޅުވެފަ އެވެ.