ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ހުށައެޅުއްވި މައްސަލަ މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލައިފި.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ޢުމަރު ހުށައެޅުއްވި މައްސަލަ މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު ހުށައެޅުއްވި މައްސަލައަކީ އެޗްއާރްސީއެމްގެ ވެރިންގެ ފަރާތުން މުވައްޒަފުންނަށް ބުލީ ކުރުމާއި ފުރައްސާރަ ކުރުމާއި އަދި ބިރުދައްކާ އެ މުވައްޒަފުންގެ އިންސާނީ ހައްގުތައް ގެއްލެމުންދާތީ އެމައްސަލަ މަޖިލީހުން ބަލައިދިނުމަށް ގޮވާލާ ހުށައެޅުއްވި މައްސަލައެކެވެ.

މިމައްސަލަ ހުށައަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ އެޗްއާރުސީމުގެ މުވައްޒަފުން މަސައްކަތްކުރަމުން އަންނަ މަސައްކަތުގެ މާހައުލުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ. އެގޮތުން އެ ކޮމިޝަނުގެ ބައެއް މެންބަރުންނާއި އިސްވެރިން އެ މުއައްސަސާގެ މުވައްޒަފުންނަށް ބިރުދައްކަމުންދާ ކަމަށެވެ. އެގޮތުން މުވައްޒަފުންނަށް ކުރިމަތިވަމުންދާ 84 މައްސަލައެއް ފާހަގަ ކުރެވި މިކަންކަމުގެ ހިތްހަމަނުޖެހުން މުވައްޒަފުން ފާޅުކުރަން ފެށުމުން މުވައްޒަފުންނަށް ކުރިއަށްވުރެ ވެސް ބޮޑަށް އިހާނެތިކޮށް ހިތުމާއި ބުލީ ކުރުމާއި ފުރައްސާރަކުރުން އިތުރުވުމުން އެތައް މުވައްޒަފުންނެއް ކެނޑިގެން ގޮސްފައިވާ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

"މިކަންކަމުގެ މުވައްޒަފުންނާއި ކޮމިޝަނުގެ މެންބަރުންގެ މެދުގައި ޒާތީ މައްސަލަތައް އުފެދި މިނިވަން މުއައްސަސާގެ ޒިންމާއެއް އަދާކުރުމަށް ދަތިވާ ހާލަތަށް އެތަނުގެ މަސައްކަތް ބުރޫއަރާފައިވޭ،" އާދަމް ޝަރީފް ހުށައެޅުއްވި މައްސަލައިގައިވެ އެވެ.

އެ މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 40 މެންބަރުންގެ ތެރެއިން 4 މެންބަރުން މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވިއިރު، 36 މެންބަރުން ވޯޓު ދެއްވީ މައްސަލަ ބަލައިނުގަތުމަށެވެ. ނަމަވެސް ރިޔާސަތުން ވިދާޅުވީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް މައްސަލަ ހުށައަޅައިގެން އަދިވެސް ކުރިއަށް ދެވިދާނެ ކަމަށެވެ.