ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގް ދަރިއަކު ހޯދުމަށް ޕްލޭން ކުރަމުން އަންނަ ކަމަށް އޭނާ ބުނެފި އެވެ.

ރަންވީރު އާއި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޕިކާ ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.

ރަންވީރު ދަރިއަކު ހޯދުމަށް ޕްލޭން ކުރަމުން އަންނަކަން ހާމަކޮށްފައިވަނީ އޭނާ ހުށަހަޅައިދެމުން އަންނަ ފުރަތަމަ ޓީވީ ޝޯ ކަމުގައިވާ ''ބިގް ޕިކްޗަ'' ގެ ޕްރޮމޯޝަންގައި ވާހަކަ ދައްކަމުންނެވެ.

ރަންވީރު ބުނީ މިހާރު އޭނާ އާއި ދިޕިކާގެ ކައިވެނިއަށް ދުވަސްތަކެއް ވެފައިވާ ކަމަށާއި އެހެން ކަމުން ދެ އަހަރު ނުވަތަ ތިން އަހަރު ތެރޭގައި ދަރިޔަކު ހޯދާނެ ކަމަށެވެ.

ރަންވީރު ބުނީ ދަރިފުޅަށް ކިޔާނެ ނަންތައް ވެސް މިހާރު ޝޯޓު ލިސްޓު ކުރަމުންދާ ކަމަށެވެ.

ރަންވީރު ބުނީ އޭނާ ބޭނުންވަނީ ދިޕިކާ ކަހަލަ ކުއްޖެއް ކަމަށެވެ. މިހާރުވެސް ކޮންމެ ދުވަހަކު ދިޕިކާގެ ކުޑައިރުގެ ފޮޓޯތައް ބަލާކަމަށާއި، ދަރިފުޅު ދިޕިކާ އާއި ވައްތަރު ވެއްޖެނަމަ އޭނާގެ ދިރިއުޅުން މުޅިން ފުރިހަމަ ވާނެ ކަމަށެވެ.

https://www.instagram.com/p/CVFz3Y0jSgs/?utm_source=ig_embed&ig_rid=9f219bc4-560e-434e-9608-40c7f1d92268

ރަންވީރާއި ދިޕިކާ އަކީ ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ދެ ފަންނާނުނެވެ. އަދި މި ދެމީހުން އެކުގައި ފެނިގެން ދިޔަ ފިލްމުތަކީ ބެލުންތެރިން މެދުގައި ބޮޑު މަގުބޫލުކަމެއް ލިބިގެން ގޮސްފައިވާ ފިލްމުތަކެއްކަން ފާހަގަ ކޮށްލެވެ އެވެ. އެގޮތުން ރަންވީރާއި ދީޕިކާ އެކުގައި ކުޅެފައިވާ ފިލުމުތަކުގެ ތެރޭގައި ''ބާޖިރާއޯ މަސްތާނީ" އާއި "ޕަތުމާވަތު" އާއި "ރާމްލީލާ" ހިމެނެ އެވެ. އަދި މީގެ އިތުރުން މިއަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ''83'' ފިލްމަކީވެސް މި ދެ ފަންނާނުން އެކީގައި ފެނިގެންދާ ފިލްމެކެވެ.