މާލެއިން ފުރައިގެން، ވ. ފުލިދޫއަށް ދަތުރު ކުރަނިކޮށް ލޯންޗުން ކަނޑަށް ވެއްޓި ގެއްލުނު ކުޑަ ކުއްޖާގެ ހޯދުމުގެ މަސައްކަތައް މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާތީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓާލައިފި އެވެ.

މިމަހުގެ 16 ވަނަ ދުވަހު ސަން ސިޔާމް އޮޅުވެލި ރިސޯޓު ކައިރިން ދަތުރުކުރި "ޑްރީމް ލޯންޗް"އަށް، މޫސުން ގޯސްވެ ރާޅު އެރި ހާދިސާއެއްގައި އެ ލޯންޗުން ދަތުރުކުރި ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު މޫދަށް ވެއްޓިވަނީ ގެއްލިފަ އެވެ.

ކުއްޖާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަރާތުން، ކަނޑުމަގުންނާއި ވައިގެމަގުން ވަނީ ކޮށްފަ އެވެ. އަދި ކަނޑު އަޑީގެ ސަރަހައްދުތައް ވަނީ ބަލާފަ އެވެ. އެގޮތުން 4،706 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފަ އެވެ.

އެމްއެންޑީއެފުން ބުނެފައި ވަނީ ކުއްޖާ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އެ ކުއްޖާ ފެނިފައި ނުވާތީ، ކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ.

އެ ހާދިސާގައި ތިން މީހުން ކަނޑަށް ވެއްޓިފައިވާއިރު، ވެއްޓިފައި ވަނީ ލޯންޗުގެ އެންމެ ފަހަތުގައި ތިބި އެ ކުއްޖާގެ މަންމަ މަރިޔަމް ނާހިދާ އާއި އޭނާގެ ދެ ކުދިންނެވެ. އެތަނުން އެއް ކުއްޖަކު ސަލާމަތްވި ނަމަވެސް އެ ކުއްޖާގެ މަންމަ ނާހިދާ މަރުވެ، ހަތަރު އަހަރުގެ ކުޑަ ކުއްޖާ ވަނީ ގެއްލިފަ އެވެ.