ހަތިޔާރު ސްމަގްލްކުރުމުގެ ވިޔަފާޜިއެއް ދުވަހަކު ވެސް ނުކުރައްވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ވަގުތީ ރައީސް، އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް (ރޓޑ) މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
އެމްއެންޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީވުމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކުކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ އެބޭފުޅާއަކީ ހަތިޔާރުގެ ވަގު ވިޔަފާރި ކުރައްވާ ބޭފުޅުއް ނޫން ކަމަށާއި އެކަން ނުވެސް ކުރާނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ނާޒިމް ހަތިޔާރު ސްމަގްލް ކުރައްވާ ކަމަށް ވިދާޅުވި ކަމަށް ނޫސްވެރިއަކު ދެންނެވުމުން ނާޒިމް ވިދާޅުވީ އެއީ ޖަޒުބާތުގައި ދެއްކި ވާހަކައެއް ކަމަށާއި ގާސިމް ނޫން ބޭފުޅަކު އެހެން ވިދާޅުވި ނަމަ އެ މައްސަލަ ހުށަހެޅުމުގެ ވިސްނުން ވެސް ގެންގުޅުއްވި ކަމަށެވެ. އަދި ޖަޒުބާތުގައި އެފަދަ ވާހަކަތައް ނުދެއްކެވުމަށާއި، ކުރިއަށް އޮތް ތަނުގައި އެފަދަ ތުހުމަތެއް ކޮށްފިއްޔާ އެ މީހަކާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
މީގެ އިތުރުން ނާޒިމްއަކީ އިންޑިޔާއާއި ގާތް ގުޅުމެއް އޮންނަ ފަރާތެއް ކަމަށް ވެސް ވަރަށް ގިނަ ފަރާތްތަކުން ތުހުމަތު ކުރެ އެވެ. އެގޮތުން އިންޑިއާއިން ރާއްޖެއާއެކު ހަދަމުންދާ އެއްބަސްވުންތަކާއި އެ ގައުމުގެ މިލިޓަރީ ސިފައިން ރާއްޖޭގައި ތިބޭ ތިބުމާ ގުޅޭގޮތުން އަޑުއުފުލާ މަޖިލީހުގައި ވެސް އަދި ކޮމިޓީތަކުގައި ވެސް ވާހަކަ ނުދައްކަވާކަން ފާހަގަކުރެވެ އެވެ.
އެމްއެންޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރަން ހުށަހަޅާފައިވަނީ މިދިޔަ މަހު 15 ގައި 5،000 މެންބަރުންނަށް ވުރެ ގިނަ ފޯމާ އެކުގަ އެވެ. އެމްއެންޕީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 10،000 މެމްބަރުން އެޕާޓީއަށް ހަމަކުރުމެވެ. އަދި 2023ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެޕާޓީން ބުނެ އެވެ. އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓަކީ ވެސް ނާޒިމެވެ.