އެންމެންނަށް ދެމެހެއްޓެނިވި، ރައްކާތެރި، ހަމަހަމަ މުސްތަޤްބަލެއް ހޯދުމަށް އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތް ކުރުމުގެ މަގު ޗާޓެއް ހަދަންޖެހޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މަތީ ފަންތީގެ ބޭފުޅުންނަށް އަމާޒުކޮށްގެން 'ޑެލިވަރިން ކްލައިމެޓް އެކްޝަން – ފޮ ޕީޕަލް، ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީ' ނަމުގައި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް އަބްދުﷲ ޝާހިދު، އިސްނަންގަވައިގެން ހިންގެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން މޫސުމަށް އަންނަ ކުއްލި ބަދަލުތަކުގެ ތެރެއިން ބޯކޮށް ވާރޭވެހި، ޖަންގަލިތަކުގައި ރޯވުން ފަދަ ކަންކަމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ ނޭދެވޭ އަސަރުތައް ހުރިހާ ގައުމަކަށްވެސް ކުރާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި މިހުރިހާ ގެއްލުމެއްގެ ސަބަބުން އަންނަނީ 1.1 ގެ ހޫނުމިނެއްކަން ފާހަގަކުރައްވާ އެއީ މިއަދު ކުދި ޖަޒީރާ ގައުމުތަކުގެ ހާލަތު ކަމުގައި ވިޔަސް އެކަން މާދަމާ ވާނީ ދުނިޔޭގެ ހުރިހާ ގައުމެއްގެ ހާލަތަށްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އެހެންކަމުން އެމަނިކުފާނު ވަނީ ހުރިހާ ގައުމަކުންވެސް 'ނެޝަނަލީ ޑިޓަމައިންޑް ކޮންޓްރިބިއުޝަން' (އެންޑީސީ) އަށް އިންގިލާބީ ބަދަލެއް ގެނެސް، މީހުން ދުނިޔޭގައި ދިރިއުޅުމަށް އެކަށީގެންވާ އެންމެ ރަނގަޅު ސިނޭރިއޯ ގޮތުގައި ބަޔާންކުރާ ހޫނުމިންކަމުގައިވާ 1.5 ޑިގްރީއަށް ވުރެ މައްޗަށް ދިޔަ ނުދިނުމަށް މަސައްކަތްކުރުމަށް ގޮވާލައްވާފަ އެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން، ރައީސް ސޯލިހު ވަނީ މި ޖަލްސާއިންނާއި، ގްލާސްގޯގައި ބާއްވަން ހަމަޖެހިފައިވާ ކޮޕް26 ކޮންފަރެންސްއިންނާއި އަދި ކުރިއަށް އޮތް ޖީ-20 ގެ ބައްދަލުވުންމުން މުޅި ދުނިޔެ ގުޅިގެން ދުނިޔޭގެ ފެންވަރެއްގައި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ. އަދި ހަގީގަތުގައި ބޭނުންވަނީ ބޮޑެތި އިގްތިޞާދުތަކުން ގްރީން ހައުސް ގޭސް ޖައްވަށް ބޭރުކުރާ މިންވަރު މަދުކުރުމަށް ގަދައަޅައި މަސައްކަތްކުރުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ހަމައެއާއެކު ގެއްލުން ކުޑަކުރުމަށްކުރާ މަސައްކަތަކީ ހަމައެކަނި ކުރިމަތިވާ ކަންބޮޑުވުންތަކުގެ ދެބައިކުޅަ އެއްބައިކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ހުރިހާ ގައުމަކުން އެއްބައިވެގެން މަސައްކަތްކުރުމަށް ބާރުއަޅުއްވައި، ރައީސް ވަނީ 2030 އާ ހަމައަށް އަންނަ އިރު ރާއްޖެއިން ނެޓް ޒީރޯ ހާސިލު ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަކީ ބައިނަލްއަގްވާމީ އެހީތެރިކަމާއެކު ހާސިލުކުރެވިދާނެ ލަނޑުދަނޑިއެއްކަމުގައި ފާހަގަކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ކޮވިޑް-19 ގެ ސަބަބުންނާއި، އެހެނިހެން ސަބަބުތަކާއި ހުރެ ކުދި ގައުމުތަކަށް ކުރިއަށްދިއުމަށް އުނދަގޫތަކެއް ހުރިކަން ފާހަގަކުރައްވާ އެހެން ގައުމުތަކުން އެހީތެރިވުމަށް ބާރުއަޅުއްވާފަ އެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިން، އެމަނިކުފާނު ވަނީ 76 ވަނަ ޔޫއެންޖީއޭ އަށް ދިވެހި ކުޑަކުދިން ފޮނުވާފައިވާ ސިޓީތަކުގައި ލިޔެފައިވާ "އެކުދިންގެ ތިމާވެށި އަންނަން އޮތް ޖީލަށް ރައްކާތެރިކޮށްދިނުމަށް" އެދި ލިޔެފައިވާ ވާހަކަ ތަކުރާރުކުރައްވާފަ އެވެ. އަދި ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ މިއަދުގެ ޒުވާނުންނާއި އަންނަން އޮތް ޖީލު އެދޭގޮތަށް ދުޅަހެޔޮ، ދެމެހެއްޓެނިވި އަދި ފާގަތި މުސްތަގްބަލެއް ކަށަވަރުކޮށްދިނުމަށް ބާރުއަޅުއްވާފަ އެވެ.

"ޑެލިވަރިން ކްލައިމެޓް އެކްޝަން – ފޮ ޕީޕަލް، ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީ" މަތީފަންތީގެ ބައްދަލުވުން އަމާޒުކޮށްފައިވަނީ 1.5 ޑިގްރީގެ އަމާޒަށް ވާސިލުވުމަށް މިހާރު އަދި ބޭނުންވާ ފަންނީ އަދި މާލީ ފަރަގު ފޫބެއްދޭނީ ކިހިނެތްތޯ ބެލުމަށެވެ. މި ހައިބްރިޑް މީޓިންގގެ މަގްސަދަކީ މޫސުމަށް އަންނަ ބަދަލުތަކަށް އެއްފަހަރާ ފިޔަވަޅު އަޅައި އަދި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތައް ކުޑަކުރުމަށް މަސައްކަތްކުރެވޭނެ އެންމެ ރަނގަޅުގޮތް ދެއްކުމެވެ.