ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހއ. ދިއްދޫގައި ކޮމިއުނިޓީ ޕާކެއް ހަދައިފި އެވެ.
މި ކޮމިއިނިޓީ ޕާކު ތަރައްގީކޮށްފައިވަނީ އެރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއްކަމަށްވާ މިޑްލް ސްޕޯޓްސް ކްލަބް އިންނެވެ.
ބީއެމްއެލް އިން ބުނިގޮތުގައި މި ޕްރޮޖެކްޓްގެ މަގްސަދަކީ ރަށުގެ ރައްޔިތުން ހުސް ވަގުތުގައި އެއްވެ، ވަގުތު ހޭދަކުރުމަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމެވެ. އަދި މުޖްތަމައުގައި އޮންނަ ގުޅުމާއި އެއްބައިވަންތަކަން އިތުރުކުރުން ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ބިއެމްއެލް އިން ބުނިގޮތުގައި އެ ރަށުގެ ގޮނޑުދޮށާ ކައިރީގައި ގާއިމުކޮށްފައިވާ މިޕާކުގައި ރަށުގެ ރައްޔިތުންނަށް ބާބެކިއު ހެދުމާއި، އެކަކު އަނެކަކާ ބައްދަލުކޮށް ވަގުތު ހޭދަކޮއްލަން ތިބުމަށް ވަސީލަތްތައް ބެހައްޓާފައިވެ އެވެ. މީގެ އިތުރުން ފޮތް ހަރުގަޑެއް ވެސް މި ޕާކުގައި ބަހައްޓާފައިވެ އެވެ.
ކޮމިއުނީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން ނަޝްވާން އިބްރާހިމް ވިދާޅުވީ ދިއްދޫއަކީ އާބާދީގެ ގޮތުން އަތޮޅުގެ އެންމެ ބޮޑު ރަށަށް ވީނަމަވެސް ހިތް ފަސޭހަ ކޮށްލައި މަޑުކޮށްލައިގެން ތިބެވޭނެ ތަންތަން އެ ރަށުގައި ވަރަށް މަދު ކަމަށެވެ.
"އެހެންވެ ރަށުގެ ރައްޔިތުންގެ ލާބައަށް އަޅުގަނޑުމެން ކުލަބުން ނިންމީ ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕުރޮޕޯސަލް ހުށަހެޅުމަށް. އެގޮތުން މިތަނުގައި ބާރބަކިއު ހެދޭނެ އިންތިޒާމު ހަމަޖައްސައި ޖޯލި އަދި އުނދޯލި އާއި ލައިބްރަރީ އެއްވަނީ ތަރައްގީ ކުރެވިފައި. އަޅުގަނޑުމެންގެ އުންމީދަކީ މިތަނަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އުފާވެރި އަދި ހިތްގައިމު މާހައުލަކަށް ވެގެން ދިއުން،" ނަޝްވާ ބުންޏެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މި ގޮތުން ކޮންމެ ކުއާޓަރެއްގައި ފަސް ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 50،000 ރުފިޔާ ކަނޑައެޅެ އެވެ.
އާންމު ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ހާއްސަ ކުރެވިގެން ކޮންމެ އަހަރަކުވެސް ކޮމިއުނިޓީ ފަންޑުގެ ދަށުން އެއް މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދެވެ އެވެ.