އިސްލާމް ދީނުގެ ރިވެތި އަހްލާގުގެ މަތީގައި ކުދިން ތަރުބިއްޔަތު ކުރުމަކީ، ހެޔޮލަފާ ޖީލެއް ބިނާކުރުމުގެ ބިންގާކަމަށާއި އެހެންކަމުން ތުއްތު ދަރިންގެ ހިތްތަކުގައި، އިސްލާމް ދީނުގެ ސައްހަ އަގީދާ ފުރިހަމައަށް ސާބިތުކޮށްދެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ރާއްޖެ އިސްލާމުވި ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ފޮނުއްވި ހިތާބުގަ އެވެ.

ރައީސްގެ ވާހަކަފުޅުގައި ދިވެހި ގައުމިއްޔަތު ބިނާވެފައި ވަނީ މާތްވެގެންވާ އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައިކަން ފާހަގަކުރެއްވި އެވެ. އަދި އެ ނިއުމަތުގެ މަތީގައި ތާއަބަދަށް ދެމިތިބެވޭތޯ ގަދައަޅައި މަސައްކަތް ކުރުމަކީ، ކޮންމެ ދިވެހި ފަރުދެއްގެ ބޮލުގައި އެޅިފައިވާ، ދީނީ އަދި ގައުމީ ވާޖިބެއްކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ހިތާބުގައި ދިވެހި މުޖްތަމައަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އިސްލާމް ދީނާ އެއްވެސް ގުޅުމެއް ނެތް ފިކުރުތަކާއި އަމަލުތަކެއް، ދީނީ ކަންތަކެއްގެ ގޮތުގައި، ފެތުރުމަށް، ބަޔަކު ކުރަމުންދާ މަސައްކަތްކަން ފާހަގަކުރެއްވި އެވެ. އަދި އޭގެ ނަތީޖާއަކީ އެފަދަ ފިކުރުތައް ގަބޫލުކުރާ މަދު ބަޔަކު، މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންދިނުމުގެ ނިރުބަވެރި އަމަލުތައް ހިންގަން ފެށުންކަމަށާއި މިސަބަބަށްޓަކައި، އިލްމުވެރިންނާއި މުދައްރިސުންވެސް، އިސްލާމް ދީނުގެ ސައްހަ އަގީދާ، ރަނގަޅު ގޮތުގައި ދަރިންނަށް ފޯރުކޮށްދެއްވުމަށް، ހާއްސަ ސަމާލުކަން ދެއްދެވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.

ރައީސް ސޯލިހުގެ ހިތާބު ނިންމަވާލައްވަމުން ވަނީ އަނެކުންގެ ފުރާނައާއި މުދަލާއި އަބުރަށް ހުރުމަތްތެރިކޮށް ހިތައި ރައްކާތެރިވުމުގައި، މާތް ނަބިއްޔާ ދެއްކެވި މަތިވެރި ނަމޫނާގައި ހިފައި އެގޮތަށް އަމަލުތައް ބައްޓަންކުރުމަށް އެދިވަޑައިގަންނަވާފަ އެވެ. އަދި ހަސަދަވެރިކަމާއި އަދާވާތްތެރިކަމުން އެއްކިބާވެ، މީސްތަކުންނަށް މައާފްކުރުމަށާއި ބަދަލު ނުހިފުމަށް، މާތް ނަބިއްޔާ ތަކުރާރުކޮށް ދެއްވި އިރުސާދުތައް ތާއަބަދު ސިކުނޑީގައި ހަރުލެއްވުމަށާއި ކުލުނާއި އޯގާތެރިކަން އިސްކޮށް އިސްލާމްދީނުގެ ރިވެތި އަހްލާގުގެ މަތީގައި ސާބިތުވެ ތިބުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.

ރާއްޖެ އިސްލާމުވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ހިޖުރީ ސަނަތުން ކޮންމެ ރަބީއުލް އާހިރާ މަހެއްގެ 2 ވަނަ ދުވަހެވެ.